ތިލަފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ލޮރީއެއް ދަށުވެ ސްރީލަންކާ މީހަކަށް ސީރިއަސް އަނިޔާތަކެއް!
ކ. ތިލަފުށީގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސްރީލަންކާ މީހެއްގެ ގައިމަތިން ލޮރީއެއް ގޮސް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އެކްސްކަވޭޓަރެއްގެ ކައިރީގައި މަސައްކަތް ކުރަނިކޮށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު މެންދުރު 14:15 ހާއިރު ފުލުހުންނަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. ތިލަފުށީގައި މަސައްކަތް ކުރަމުން ދިޔަ މީހެއްގެ ގައިގައި ލޮރީއަކުން ޖެހި، ވެއްޓުމުން އެ މީހާގެ ގައިމަތިން ލޮރީ ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަނިޔާވި ސްރީލަންކާ މީހާއަށް މިވަގުތު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
Ads by BMLމި ހާދިސާއާ ގުޅިގެން ލޮރީ ދުއްވަން އިން 28 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ވިގްނެޝް އަނަޑުރައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އަދި އޭނާ ދުއްވަން އިން ލޮރީވެސް ވަނީ ޓޯވ ކުރެވިފައެވެ.
ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
Ads by MACL
