ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދޮންފަނު ފަރަށް ޑައިވްކުރުން މަނާކުރި ނިންމުން އެލްޖީއޭ އިން ބާޠިލުކޮށްފި

ބ. ދޮންފަނު ކައިރީ އޮންނަ ހަނިފަރުބޭ --- ފޮޓޯ: ޒުބުލޫ ޑައިވް
ބ. ދޮންފަނު ކައިރީ އޮންނަ ހަނިފަރުބޭ --- ފޮޓޯ: ޒުބުލޫ ޑައިވް

ބ. ދޮންފަނު ފަރަށް ޑައިވް ނުކުރެވޭ ގޮތަށް އެރަށު ކައުންސިލުން ވަގުތީ ގޮތުން ނިންމި ނިންމުން، ޤާނޫނާ ޚިލާފު ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެ، އެ ނިންމުން ބާޠިލުކުރުމަށް އަންގައިފިއެވެ. މި ނިންމުން ކައުންސިލުން ނިންމާފައިވަނީ ދޮންފަނު ފަޅު ހިއްކުމުގެ މަޝްރޫޢު ހުއްޓާލުމާ ގުޅިގެން ބަޔަކު އިޙްތިޖާޖު ކުރަން ތައްޔާރުވާތީއެވެ.

ސަރުކާރުން އިޢުލާންކުރި ދޮންފަނު ފަޅުން ބިން ހިއްކުމުގެ މަޝްރޫޢު ހުއްޓާލުމަށް ނިންމާފައިވަނީ، ބ. އަތޮޅުގެ ބަޔޯސްފިއަރ ރިޒަރވްގައި ހިމެނޭ ހަނިފަރު ބޭ ހަލާކުވެދާނެކަމުގެ ކަންބޮޑުވުންތައް ފާޅުކުރުމާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި މި މަޝްރޫޢުގައި ސޮއިކުރެވުނު ނަމަވެސް، ރައްޔިތުންގެ އެދުމުގެ މަތިން މި މަޝްރޫޢު ހުއްޓާލުމަށް މި މަހުގެ 9 ވަނަ ދުވަހު ރައީސް ވަނީ ނިންމަވާފައެވެ.

މިކަމާ ގުޅިގެން ދޮންފަނުގެ އުރަފަތުން ފެށިގެން 700 މީޓަރުގެ ސަރަހައްދުގައި ފީނުމާއި ޑައިވްކުރުން ވަގުތީ ގޮތުން މަނާކުރުމަށް އެރަށު ކައުންސިލުން ނިންމާފައިވަނީ، ހިއްކަން ކަނޑައެޅި ސަރަހައްދުގައި އެރަށުގެ ބަޔަކު އިހްތިޖާޖުކުރަން ތައްޔާރުވާތީއެވެ.

މިކަމާ ގުޅިގެން އެލްޖީއޭއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި، ޤުދުރަތީ ނުވަތަ ޠަބީޢީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަހައްދުތަކުގައި ޤާނޫނަކުން މަނާކަމެއް ކަމުގައި ކަނޑައަޅާފައިނުވާ ކަންކަން އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ހައްޤު ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ.

އެލްޖީއޭގެ މި ނިންމުމާއެކު، ދޮންފަނު ކައުންސިލްގެ ނިންމުން ބާޠިލުވެ، ދޮންފަނު ފަރަށް ޑައިވްކުރުމަށް އަލުން ހުއްދަ ލިބިގެންދާނެއެވެ.