ސްކައުޓް އެސޯސިއޭޝަންގެ އޮފީސް ހިންގުމަށް، އައު އިމާރާތެއް ހަމަޖައްސައިދޭނަން: މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު
ސްކައުޓް އެސޯސިއޭޝަންގެ އޮފީސް ހިންގުމަށް، އައު އިމާރާތެއް ހަމަޖައްސައިދޭނެކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައި ވަނީ ކުރީގެ އަރަބިއްޔާ ސްކޫލުގައި ހިންގަމުން އައި ސްކައުޓް އެސޯސިއޭޝަންގެ އޮފީސް ހިންގުމަށް، މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ކެޑޭޓް އޮފީހާއެކު އައު އިމާރާތެއް ހަމަޖައްސައިދޭނެ ކަމަށެވެ. އަރަބިއްޔާ އިމާރާތުގެ ތަޅާލުމުގެ މަސައްކަތް ފެށުމަށްޓަކައި، މިހާރު އެ އިމާރާތުގައި ހުރި މުދާތައް ހުސްކުރުމުގެ މަސައްކަތް ކުރަމުންދާތީ، ސްކައުޓް އޮފީހާއި ފިހާރަ ވެސް ވަގުތީ ގޮތުން ބަންދުކުރަން ވަނީ އަންގާފައެވެ.
އަރަބިއްޔާ އިމާރާތުގެ ތަނބުތަކުގައި ބޮޑެތި ރެނދުލައި ގެއްލުންވެފައި ހުރުމުގެ ސަބަބުން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ އިމާރާތުގައި ކިޔަވައިދިނުން ވަނީ ހުއްޓާލާފައެވެ. މިހާރު އެ އިމާރާތުގައި ހުރި މިނިސްޓްރީގެ ސާމާނާއި، އިލެކްޝަން ކޮމިޝަންގެ ސާމާނުގެ އިތުރުން ސްކައުޓް އަދި ކެޑޭޓް އޮފީސް ވެސް ހުސްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
Ads by BMLމިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ "މިހާރު" އަށް ވިދާޅުވީ، އަންނަ މަހު 10 ވަނަ ދުވަހުގެ ނިޔަލަށް އަރަބިއްޔާ އިމާރާތުގައި ހުރި ހުރިހާ މުދަލެއް ހުސްކުރުމަށް އަންގާފައިވާއިރު، އެ މުއްދަތުގެ ކުރިން މި ދެ އިދާރާއަށް އޮފީސް އިމާރާތެއް ހަމަޖައްސައިދޭނެ ކަމަށެވެ. ރާއްޖޭގެ ގިނަ ސްކޫލްތަކުގައި ހިންގާ ސްކައުޓް ހަރަކާތްތަކަށް ބޭނުންވާ ސާމާނު ސްކައުޓްގެ އޮފީހުގައި ހުންނަ ފިހާރައިން ވިއްކާފައިވާއިރު، އެތަން ބަންދުވުމަކީ ބެލެނިވެރިންގެ ކަންބޮޑުވުމެކެވެ.
ނަމަވެސް، ސްކައުޓް އެސޯސިއޭޝަނުން ވަނީ، އޮފީހާއި ފިހާރަ ވަގުތީ ގޮތުން ބަންދުކުރި ނަމަވެސް، އޮންލައިންކޮށް ތަކެތި ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ބުނެފައެވެ. އޮންލައިންކޮށް ގަތުމަށްފަހު، ތަކެއްޗާ ހަވާލުވާން އަންނަންވީ ވަގުތު އެސްއެމްއެސް މެދުވެރިކޮށް ފޮނުވާނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ މައުލޫމާތު ދީފައެވެ.
Ads by MACL
