ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޤައުމީ ތަރިކަ، އަންނަން އޮތް ޖީލުތަކަށްޓަކައި ރައްކާތެރިކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއް: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---

ރާއްޖޭގެ ޤައުމީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކޮށް ދިނުމަކީ ކޮންމެ ދިވެއްސެއްގެ ޤައުމީ ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ޤައުމީ ތަރިކައިގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މިހެން ވިދާޅުވިއިރު، އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ދެމިއޮތުމަށްޓަކައި މިކަންކަން ކުރުން ލާޒިމު ކަމަށް ވެސް ފާހަގަކުރައްވާފައެވެ.

ރައީސް މުޢިއްޒު ވަނީ ދިވެހި ޤައުމީ ތަރިކައިގެ އެންމެ އަގުހުރި ޚަޒާނާތަކުގެ ގޮތުގައި އިސްލާމްދީނާއި، ދިވެހި ބަހާއި، ދިވެހިވަންތަ ރީތި އާދަކާދަތަކާއި، ދިވެހި މަސައްކަތްތެރިކަމާއި، އާސާރީ ތަންތަނާއި ތަކެއްޗާއި، މާޒީގެ ފަޚުރުވެރި ތާރީޚު ފާހަގަކުރައްވާފައެވެ. މި ހުރިހާ ތަކެއްޗާއި ކަންކަން ކުރިމަގުގެ ޖީލުތަކަށް ވާރުތަކޮށް ދިނުމަކީ ޤައުމީ އަމާނާތެއްގެ އިތުރުން ދިވެހި ޤައުމު ދެމިއޮތުމަށްޓަކައި އަދާކުރުން ލާޒިމު ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބަޔާންކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރ 12 ވަނަ ދުވަސް ރާއްޖޭގެ ޤައުމީ ތަރިކައިގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރ 07 ވަނަ ދުވަހު ބޭއްވުނު ކެބިނެޓް ބައްދަލުވުމުގައެވެ. މި ދުވަސް ކަނޑައެޅުމުގެ ބޭނުމަކީ ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ ތަރިކަތައް އަމާނާތްތެރިކަމާ އެކު އަދުގެ ޖީލަށާއި ކުރިއަށް އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމަށާއި، މި ކަމަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައެވެ.

މިކަމަށް ޚާއްޞަ ދުވަހެއް ފާހަގަކުރުމަކީ ތަރިކައާމެދު ޝައުޤުވެރިކަން އުފައްދައި، އެ ވާހަކަތައް ދެއްކުމަށް މުހިންމު ކަމެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސެޕްޓެމްބަރ 12 މި ދުވަހުގެ ގޮތުގައި ކަނޑައެޅުމުގެ ސަބަބަކީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ 12 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނަށް ޢަމަލުކުރަން ފެށި ދުވަސް ކަމަށްވާތީއެވެ.

ސަގާފީ ތަރިކައިގެ ޤާނޫނަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ކަނޑައެޅުމާއި، އެ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާ ގުޅޭ އުސޫލުތައް ބަޔާންކޮށްފައިވާ ޤާނޫނެކެވެ. މީގެ އިތުރުން މި ޤާނޫނުގައި ދައުލަތާއި ފަރުދުންގެ ޒިންމާތައް ކަނޑައެޅުމާއި، ސަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަ ޢަމަލުތައް ކުށެއްގެ ގޮތުގައި ބަޔާންކޮށް، އެއަށް އަދަބު ކަނޑައެޅުމުގެ އުސޫލުތައް ވެސް ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ ސަގާފީ ތަރިކައާބެހޭ ދިރާސާތައް ކުރުމާއި، ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭ އެނޫންވެސް އުސޫލުތައް މި ޤާނޫނުން ބަޔާންކޮށްދެއެވެ.