ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އުސޫލާ އެއްގޮތަށް ބޭނުން ނުހިފާތީ، މީޑިއާ ފެންޑާ އުވާލައްވައިފި

އުސޫލާ އެއްގޮތަށް ބޭނުން ނުހިފާތީ، މީޑިއާ ފެންޑާ އުވާލައްވައިފި

ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މީޑިއާ ފެންޑާގެ ބޭނުން ހިފަމުން ނުދާތީ، މިއަދުން ފެށިގެން، މީޑިއާ ފެންޑާ އުވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ނަންބަރު 2025-001 ނޫސް ބަޔާނެއްގައި ހާމަކުރެއްވީ، މީޑިއާ ފެންޑާ ބޭނުންކުރަމުން ދިޔަ ގޮތާ ގުޅިގެން ދިމާވި މައްސަލަތަކުގެ ސަބަބުން، މިއަދުން ފެށިގެން އެ ފެންޑާ އުވާލާފައިވާ ކަމަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ގަވާއިދާ ޚިލާފު ޢަމަލުތައް ތަކުރާރުވަމުން ދިޔުމަކީ މި ނިންމުމަށް މެދުވެރިވި މައިގަނޑު ސަބަބެވެ.

29 މެއި 2025 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި ޤާއިމުކުރެވުނު މީޑިއާ ފެންޑާގެ ބޭނުން، ފާއިތުވި ތިން މަސް ދުވަހުވެސް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހިފަމުން ގޮސްފައި ނުވާކަން އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. މީޑިއާ ފެންޑާ ޤާއިމުކުރެވުނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ނޫސްވެރިންނަށް ފަސޭހައިން ހޯދައި، މީޑިއާ ކަވަރޭޖް ހެދުމަށް ޚާއްޞަ ޖާގައެއްގެ ގޮތުގައެވެ.

އެ އުޞޫލުގެ ދަށުން، ރާއްޖޭގެ މީޑިއާތަކުން ކަނޑައެޅި ނޫސްވެރީންނަށް މީޑިއާ ފެންޑާ ބޭނުންކުރުމުގެ ރަސްމީ ހުއްދަ ދޫކޮށްފައިވީ ނަމަވެސް، ހުއްދަ ނަގާފައި ނުވާ ފަރާތްތަކުން ނޫސްވެރީންގެ ނަމުގައި އެތަނަށް ވަދެ، އުޞޫލުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ. މިކަމުގެ ސަބަބުން، ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރީންނަށް ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރެވޭކަމުގެ ޝަކުވާކޮށްފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

ގްރީން ޒޯންގައި ހުންނަ މިތަނުގައި ޢާންމު މަޞްލަޙަތު ގެއްލޭ، އަދި ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ދިއުމުގެ ސަބަބުން، އެ ސަރަޙައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. ހުއްދަ ނަގާފައި ނުވާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތަށް ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭ ގޮތަށް ޢަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި ޢާއްމުކޮށްފައިވާ އުޞޫލުގެ ބައެއް މާއްދާތަކާ ޚިލާފު ޤާނޫނީ ކުށެއް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީޑިއާ ފެންޑާ އުވާލެއްވި ކަމުގައިވިޔަސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ކަވަރުކުރުމުގެ އިންތިޒާމު، އެކަމަށް ބޭނުންވާ ނޫސްވެރީންނަށް އެހެން ގޮތަކަށް ހަމަޖައްސައިދެއްވާނޭ ކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ.