މުސްލިމް ލީޑަރުންގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ގަތަރަށް
ގަތަރުގެ ވެރިރަށް ދޯހާގައި އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން، އަރަބި އަދި މުސްލިމް ލީޑަރުން ބާއްވަވާ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ގަތަރަށް ފުރާވަޑައިގެންފިއެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ގަތަރާއި ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިއޮތްކަން ހާމަކޮށް، އިސްރާއީލުން ހިންގާ ޖަރީމާތައް ހުއްޓުވަން ބައިނަލްއަގުވާމީ ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލާނެއެވެ.
މިދިޔަ އަންގާރަ ދުވަހު އިސްރާއީލުން ވަނީ ގަތަރުގެ ވެރިރަށް ދޯހާގައި ދިރިއުޅޭ ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ކަމަށް ބުނެ ވައިގެ ހަމަލާތަކެއް ދީފައެވެ. ގަތަރަށް ދިން ފުރަތަމަ މިފަދަ ހަމަލާގައި ހަމާސްގެ މެންބަރުންނާއި އާންމުންނަށް ވެސް އަނިޔާވެ، ބައެއް މީހުން މަރުވެފައިވެއެވެ. މި ހަމަލާ އަމާޒުކުރީ އިސްރާއީލާއި ހަމާސްއިން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވި އޮފިޝަލުންނަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާއާ ގުޅިގެން ގަތަރުން އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް، އަރަބި އަދި އިސްލާމީ ގައުމުތަކުގެ ލީޑަރުންނަށް ގަތަރުން ވަނީ ދައުވަތު ދީފައެވެ. ގަތަރުގެ ފޮރިން މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި އިސްރާއީލުގެ ހަމަލާއާ ގުޅޭ ގަރާރެއް އެކުލަވާލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
Ads by BMLރައީސް އޮފީހުން ބުނި ގޮތުގައި މާދަމާ އޮންނަ މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ތަގުރީރު ކުރައްވާނެއެވެ. ރާއްޖެއިން ދެކޭ ގޮތުގައި އިސްރާއީލުން ހިންގާ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ފިޔަވަޅުތައް އަވަހަށް އެޅުމަކީ މުހިންމު ކަމެކެވެ. އިސްރާއީލުގެ އެތެރެއިން ވެސް މި ހަމަލާއާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
Ads by MACL
