ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައްޔިތުންގެ އުންމީދުތަކާއެކު، ގެމަނަފުށީ ސްކޫލުގައި އޭލެވެލް ކްލާސްތައް ފަށައިފި

ގެމަނަފުށީ ސްކޫލްގައި އޭލެވެލްއަށް ކިޔަވައިދޭން ފެށުން ---
ގެމަނަފުށީ ސްކޫލްގައި އޭލެވެލްއަށް ކިޔަވައިދޭން ފެށުން ---

ގއ. ގެމަނަފުށީ ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދޭން މިއަދު ފަށައިފިއެވެ. މިކަމަކީ، ރަށުގައި ތިބެގެން ދަރިންނަށް މަތީ ތަޢުލީމު ހާސިލުކުރެވޭނެ ދުވަހަކަށް އިންތިޒާރުކުރަމުން ދިޔަ ގެމަނަފުށީގެ އެންމެހާ ރައްޔިތުންނަށް ލިބުނު ބޮޑު އުފަލެކެވެ. ފަސް ދަރިވަރުންނާއެކު ސައިންސް ސްޓްރީމަށް ފެށުނު މި ޕްރޮގްރާމްގެ ސަބަބުން ރަށުގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ.

އޭލެވެލް ފެށުމުގެ ރަސްމިއްޔާތުގެ ގޮތުގައި ސްކޫލުގައި ޚާއްޞަ އެސަމްބްލީއެއް ބާއްވާފައިވާއިރު، މި އެސަމްބްލީގައި ރަށުގެ މުއައްސަސާތަކުގެ ބައިވެރިވުން ވެސް ފާހަގަކުރެވުނެވެ.

ގެމަނަފުށީ ސްކޫލާ ދާދިފަހުން ހަވާލުވެވަޑައިގެންނެވި ޕްރިންސިޕަލް އަބްދުﷲ މުފީދު ދަރިވަރު ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ސްކޫލާ ހަވާލުވުމަށްފަހު ބޭއްވުނު ފުރަތަމަ ބައްދަލުވުމުގައި ވެސް ބެލެނިވެރިން އެންމެ ބޮޑަށް އެދުނީ ސްކޫލުގައި އޭލެވެލް ފެށޭނެ ގޮތެއް ހޯދައިދިނުމަށް ކަމަށެވެ. މިއަދު އޭލެވެލް ފެށުމުގެ ރަސްމިއްޔާތަށް ދަޢުވަތު ދިނުމުން ވެސް ބެލެނިވެރިން ތަފާތު އިހުސާސެއް ކުރެވުނު ކަމަށް ވިދާޅުވެފައިވާކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

މުފީދު ވިދާޅުވީ، ބެލެނިވެރިންގެ އެދުމަށް އޭލެވެލް ފެށުނީ ގިނަ މަސައްކަތްތަކަކަށް ފަހު ކަމަށާއި، މިއީ ރަށުގެ ހުރިހާ މުއައްސަސާތަކާއި ސްކޫލުގެ ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

މި އަހަރު އޭލެވެލް ފެށޭނެކަމުގެ ޔަޤީންކަން ކުރިން ދެވުނުނަމަ ދަރިވަރުންގެ ޢަދަދު އިތުރުވީސް ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. "އޭލެވެލް ފެށޭނެތޯ އިންތިޒާރުގައި ވެސް ތިބި. އެ ކުދިން ބައެއް ސްކޫލްތަކަށް ބަދަލުވި ފަހުން އަޅުގަނޑުމެންނަށް ފެށުނީ. އެހެން ނުވިނަމަ ކުދިން އިތުރުވުމުގެ ފުރުޞަތު ބޮޑު" މުފީދު ވިދާޅުވިއެވެ.

ގެމަނަފުށީ ސްކޫލުން އެންމެ ފަހުން އޯލެވެލް ނިންމި ބެޗްގައި 33 ދަރިވަރުން ކިޔެވިއެވެ. އޭގެ ތެރެއިން ތިން ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނުއިރު ދެ ދަރިވަރުން އެއްވަނައިގައި ހިމެނުނެވެ. މިދިޔަ އަހަރުގެ އޯލެވެލްއިން ސްކޫލުގެ އެންމެ ރަނގަޅު ނަތީޖާ ހޯދިފައިވާއިރު، މިހާރު 400 އެއްހާ ދަރިވަރުން ގެމަނަފުށީ ސްކޫލުގައި ކިޔަވަމުންދެއެވެ. ގެމަނަފުށީ ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދޭން ފެށުމާއެކު، ގއ. އަތޮޅުގައި އޭލެވެލްއަށް ކިޔަވައިދޭ ސްކޫލުތަކުގެ ޢަދަދު ތިނަކަށް އަރައިފިއެވެ. އެއީ ގއ. އޭއީސީއާއި، ދާންދޫ ސްކޫލުގެ އިތުރުން ގެމަނަފުށީ ސްކޫލެވެ.