ސިވިލް ސާވިސްގެ މުވައްޒަފުންގެ ޗުއްޓީގެ އުސޫލުތަކަށް އައު ބަދަލުތަކެއް!
ސިވިލް ސާވިސްގެ މުވައްޒަފުންގެ ޗުއްޓީގެ އުސޫލުތަކަށް އައު ބަދަލެއްގެނެސްފިއެވެ.
ސިވިލް ސާވިސްގެ މުވައްޒަފުންގެ ޗުއްޓީގެ އުސޫލުތަކަށް ގެނައި މި ބަދަލާއެކު، ދާއިމީ ނުވަތަ ދިގު މުއްދަތަކަށް ބޭސްފަރުވާ ބޭނުންވާ އާއިލީ މެންބަރަކަށް ނުވަތަ ޝަރުއީ ގޮތުން ބަލަންޖެހޭ މީހަކަށް އެހީތެރިވުމަށް ޚާއްސަ ޗުއްޓީއެއް ލިބޭނެ އެވެ. މި އިސްލާހު ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ވަނީ އާއްމުކޮށްފަ އެވެ.
"ޚާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ"ގެ ތަފްސީލު
ސިވިލް ސާވިސްގެ ގަވައިދުގެ 188 ވަނަ މާއްދާގެ (ހ)ގެ ދަށުން ތައާރަފްކުރެވުނު މި ޗުއްޓީއަކީ، މުވައްޒަފުގެ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، ދަރިއެއް، އެއްބަނޑުއެއްބަފާ މީހެއް، އެއްބަނޑު މީހެއް، އެއްބަފާ މީހެއް ނުވަތަ ޝަރުއީ ގޮތުން ބަލަންޖެހޭ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދާ ނަމަ، އަހަރަކު 30 ދުވަހުގެ މުސާރަ ލިބޭ ޗުއްޓީއެކެވެ.
Ads by BMLޗުއްޓީ ހޯދުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
މި ޗުއްޓީ ހޯދުމަށް، ބަލިމީހާއަކީ ދާއިމީ ނުވަތަ ދިގު މުއްދަތަކަށް ބޭސްފަރުވާ ބޭނުންވާ މީހެއްކަން އަންގައިދޭ، ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހެ އެވެ. ރާއްޖެއިން ބޭރުން ލިބޭ ސެޓްފިކެޓެއް ނަމަ، އެ ގައުމެއްގެ ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ދޫކޮށްފައިވާ ސެޓްފިކެޓަކަށް ވާންޖެހެ އެވެ. ޗުއްޓީ ދިނުން ކަނޑައަޅާނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ.
ސަލާމުގެ ޗުއްޓީގެ އުސޫލުތަކަށް އައިސްފައިވާ ބަދަލު
ގަވައިދުގެ 188 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރުގައި ބުނާ ގޮތުން، ބަލިވުމުގެ ސަބަބުން ރަސްމީ ގަޑިއަށް މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވާ ނަމަ، އެކަން ސުޕަވައިޒަރަށް ނުވަތަ އިދާރާއަކުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން އެންގުމުން ސަލާމުގެ ޗުއްޓީ ދޭންޖެހޭނެ އެވެ. ސަލާމުގެ ޗުއްޓީ ދިނުމުގައި، ވަޒީފާ އަދާކުރާތާ އަހަރު ނުވިޔަސް ޗުއްޓީ ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ވަޒީފާއިން ދޫކޮށްލުމުގެ އާ އުސޫލު
މުވައްޒަފަކު ވަޒީފާއިން ދޫކޮށްލެވޭނެ ހާލަތްތަކާ ގުޅޭ މާއްދާއަށް ވެސް އިސްލާހު ގެނެސްފައިވެ އެވެ. މުވައްޒަފަށް ދިމާވާ ސިއްހީ ހާލަތަކާ ގުޅިގެން ދާއިމީ ގޮތެއްގައި ނުވަތަ ދިގު މުއްދަތަކަށް ވަޒީފާ އަދާކުރުމަށް ނުކުޅެދިއްޖެނަމަ، ވަޒީފާއިން ދޫކޮށްލެވޭނެ އެވެ. މިކަން ކަށަވަރުކުރުމަށް ވެސް ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ ލިޔުން ހުށަހަޅަންޖެހެ އެވެ. ރާއްޖެއިން ބޭރުގެ ލިޔުމެއް ނަމަ، އެ ގައުމެއްގެ ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަރުކަޒެއްގެ ސިއްހީ މަސައްކަތްތެރިއެއްގެ ލިޔުމަކަށް ވާންޖެހެ އެވެ.
ސިވިލް ސާވިސްގެ މި އިސްލާހަކީ މުވައްޒަފުންނަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ އަދި އެހީތެރިކަމެއް ފޯރުކޮށްދޭނެ ބަދަލެއް ކަމަށް ބެލެވެ އެވެ.
Ads by MACL
