ސިވިލް ސާވިސް މުވައްޒަފުންނަށް މޫނުބުރުގާ އެޅުމުގެ ހުއްދަ ލިބޭގޮތަށް ގަވާއިދު ބަދަލުކޮށްފި
ސިވިލް ސާވިސްގެ މުވައްޒަފުންނަށް މޫނުބުރުގާ އެޅުމުގެ ހުއްދަ ދީ، ސިވިލް ސާވިސްގެ ގަވާއިދަށް މުހިންމު އިސްލާހެއް ގެނެސްފިއެވެ. މި ބަދަލާއެކު، މޫނުބުރުގާ އަޅައިގެން ވަޒީފާއަށް ނުކުތުމަށް ހުރަހެއް ނެތް ކަމަށް ވަނީ ކަނޑައަޅާފައެވެ. ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ މި އިސްލާހަކީ، ވަޒީފާގެ މާހައުލުގައި ހަމަހަމަކަން ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
މީގެ ކުރިން ސިވިލް ސާވިސްގެ ގަވާއިދުގެ 145 ވަނަ މާއްދާގައި ކާކުކަން ނޭނގޭ ފަދަ ހެދުމެއްގައި ވަޒީފާ އަދާކުރުން މަނާކޮށްފައިވެއެވެ. މި އުސޫލުގެ ދަށުން، މޫނުބުރުގާ އަޅައިގެން ސްކޫލްތަކަށް އައި ބައެއް ޓީޗަރުންނަށް ފިޔަވަޅު އަޅައި، ގެއަށް ފޮނުވާލާފައިވާ ހާލަތްތައް ވެސް ވަނީ ދިމާވެފައެވެ. ނަމަވެސް، މިހާރު ގެނެވުނު އިސްލާހާއެކު، މި ހުރަސް ވަނީ ނެތިފައެވެ.
އާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިވިލް ސާވިސް މުވައްޒަފުން ހިދުމަތް ދިނުމުގައި ތިބެން ވާނީ އެކަށީގެންވާ ހެދުމެއްގައެވެ. އަދި، ކާކުކަން އެނގެން ޖެހޭ ފަދަ ހިދުމަތެއް ދޭ މުވައްޒަފުންގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގް ބޭނުންކުރަން ވާނެ ކަމަށް ވެސް މި އިސްލާހުގައި ބުނެފައިވެއެވެ. މިއީ ވަޒީފާގެ މާހައުލުގައި އިސްލާމީ އުސޫލުތަކަށް އިތުރު ފުރުސަތުތައް ހުޅުވާލުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
Ads by BMLމިދިޔަ ޖުލައި މަހު، ޓީޗަރުންގެ އާ ސުލޫކީ މިންގަނޑެއް ނެރެފައިވާއިރު، އެ މިންގަނޑުގައި މޫނުބުރުގާ އަޅައިގެން ކިޔަވައި ނުދެވޭނެ ކަމަށް ބުނެފައިވެއެވެ. ދަރިވަރުންނާ މުއާމަލާތް ކުރާއިރު މޫނު ފެންނަން ވާނެ ކަމަށް އޭރު އޮތް އުސޫލުގައި ބުނެފައިވާއިރު، އޭގެ މަގްސަދަކީ މުދައްރިސުންގެ ފަންނީ އަހުލާގީ އަދި އިޖުތިމާއީ ސުލޫކު ހަރުދަނާކޮށް، ތައުލީމީ ދާއިރާއަށް ދިވެހި މުޖުތަމައުގައި އޮންނަ ގަދަރާއި އިހުތިރާމު ދެމެހެއްޓުން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، ސިވިލް ސާވިސްގެ ގަވާއިދަށް މިހާރު ގެނެވުނު އިސްލާހާއެކު، މޫނުބުރުގާ އަޅައިގެން ވަޒީފާއަށް ނުނިކުމެވޭ ގޮތަށް އޮތް އޮތުން ވަނީ މުޅިން ނައްތާލާފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މީގެ ކުރިން އުފެދުނު އެއްވެސް ސަރުކާރަކުން ތަންފީޒުކުރަން ނުކެރުނު ފިޔަވަޅެއް ކަމަށް ވެސް ފާހަގަކުރެވެއެވެ.
Ads by MACL
