ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބިލު މަޖިލީހުން ފާސްކޮށްފި: ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބާރު ރައްޔިތުންނަށް!

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބިލު މަޖިލީހުން ފާސްކޮށްފި: ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބާރު ރައްޔިތުންނަށް!

"ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލަކީ ގާނޫނުއަސާސީއަށް ބަދަލު ގެނައުމާއި، ގައުމީ މުހިންމު ކަންކަމުގައި ރައްޔިތުންގެ ސީދާ ބައިވެރިވުން އިތުރުކުރާނެ މުހިންމު ބިލެކެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް މިދިޔަ ޖުލައި މަހުގެ ހަތް ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި މި ބިލު ފާސްވީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ހުށަހެޅި އިސްލާހުތަކާއެކުގައެވެ. ބިލަށް 64 މެންބަރުން ވޯޓުދެއްވިއިރު، 12 މެންބަރުން ދެކޮޅަށް ވޯޓު ދެއްވިއެވެ.

މި ބިލުގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ ގައުމީ ގޮތުން މުހިންމު މައްސަލަތަކާއި، ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންކަމުގައެވެ. ހާއްސަކޮށް، ގާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށް ރައްޔިތުންގެ ރުހުން ހޯދުމުގެ ފުރުސަތު މި ބިލުން ފަހިކޮށްދެއެވެ.

ގާނޫނުއަސާސީގެ ދެވަނަ ބާބު ކަމުގައިވާ "އަސާސީ ހައްގުތަކާއި މިނިވަންކަން" މި ބާބުގެ އެއްވެސް މާއްދާއަކަށް އިސްލާހެއް ގެނައުމަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައަޅާ މާއްދާއަށް ބަދަލެއް ގެނައުމަށް ވެސް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގޭނެއެވެ. މީގެ އިތުރުން، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ރިޔާސީ ދައުރަށް ބަދަލެއް ގެނައުމަށް ވެސް ރައްޔިތުންގެ ވޯޓަށް އެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އަދި، ގާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް މަޖިލީހަށް އަންގާ ހާލަތެއްގައި، އެ ބިލަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ވެސް އާންމު ވޯޓެއް ނެގޭނެއެވެ. ވޯޓު ނެގުމުގެ ހަރަދުތައް މާލިއްޔަތު ގާނޫނުގެ ދަށުން ދައުލަތުގެ ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑުން ކުރާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގެ ސަބަބުން ގާނޫނު ހެދުމުގެ ތެރޭގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، ދިމިގްރާތީ ހިންގުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.