ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުޢިއްޒު ގޮވާލައްވައިފި

އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުޢިއްޒު ގޮވާލައްވައިފި

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ނިމުމެއް ގެނެސް، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޒްރޭލުން ބޯލެނބުމަށް މަޖުބޫރު ކުރުމަށްޓަކައި، އެ ޤައުމާ ދެކޮޅަށް ސިޔާސީ އަދި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ގޮވާލައްވައިފިއެވެ.

މިމަހުގެ 9 ވަނަ ދުވަހު ގަތަރުގެ ދޯހާ އަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން، ގަތަރުގައި ބޭއްވުނު ޢަރަބި-އިސްލާމިކް އިމަޖެންސީ ސަމިޓުގައި ތަޤްރީރު ކުރައްވަމުން ރައީސް ވިދާޅުވީ، ފަލަސްތީނުގެ ޣައްޒާގައި ސުލްޙަ ޤާއިމު ކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ގަތަރަށް ހަމަލާ ދިނުމަކީ، އިޒްރޭލުން ސުލްޙަ ބޭނުންނުވާކަމުގެ ސާފު ދަލީލެއް ކަމަށެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، އިޒްރޭލުން ދޯހާއަށް ހަމަލާ ދިނުމުގެ ބޭނުމަކީ، ސުލްޙައަށް ހަމަލާދީ، މެދުވެރިއެއްގެ ދައުރަށް ހުރަސްއަޅައި، މުޅި ސަރަހައްދު އިތުރު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލުމެވެ. އެމަނިކުފާނު މި ހަމަލާ ސިފަކުރެއްވީ، ފަލަސްތީނުގެ ބިންތައް ފޭރިގަނެ، ހުޅަނގު އައްސޭރި އިސްތިއުމާރުކޮށް، ޣައްޒާއަށް އެހީ ވެއްދުމަށް ހުރަސް އެޅުމާއި، ޑޮކްޓަރުންނާއި ނޫސްވެރިންނަށް އަމާޒުކޮށްގެން ހިންގަމުންދާ ޖަރީމާތަކުގެ އިތުރު ބޮޅެއްގެ ގޮތުގައެވެ.

އަމިއްލައަށް ދިފާޢުވުމުގެ ނަމުގައި ފަލަސްތީނުގެ ބިންތައް ސުންނާފަތިކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ފަލަސްތީނާއި ޔަމަނާއި ސީރިޔާ، ލުބުނާން އަދި އުރުދުންއަށް ހަމަލާދިނުމަށްފަހު، މިހާރު ގަތަރަށް ހަމަލާދީފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިޒްރޭލުން ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ބިންގާ ގުޑުވާލާފައިވާ ކަމަށެވެ.

"ގަތަރަށް ދިން ހަމަލާއަކީ އަޅުގަނޑުމެން އެންމެންނަށް ދިން ހަމަލާއެއް. ގަތަރުގެ މިނިވަންކަމާއި ސަލާމަތަކީ މިތަނުގައި ތަމްސީލުކުރާ ކޮންމެ ޤައުމެއްގެ މިނިވަންކަމާ ވަކިނުކުރެވޭނެ އެއްޗެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ އިޒްރޭލުގެ ޖަރީމާތައް ހަމައެކަނި ކުށްވެރިކޮށްގެން ނުހުއްޓުވޭނެކަމަށް ވިދާޅުވެ، ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފައެވެ. އެގޮތުން، އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ޖަވާބުދާރީކުރުވުމަށް، އެ ޤައުމުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

"ބައިނަލްއަޤްވާމީ ޤާނޫނުތަކަށް [އިޒްރޭލުން] ތަބާވާންދެން، ސިޔާސީ، އިޤްތިޞާދީ، އަދި ޚާރިޖީ ގޮތުން އަޅުގަނޑުމެން އެންމެން ގުޅިގެން ފިޔަވަޅުތައް އަޅަންޖެހޭ،" ރައީސް ވިދާޅުވިއެވެ. ޢަރަބި އިސްލާމީ ޤައުމުތަކުން ގުޅިގެން، އިސްތިއުމާރާއި ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ސާބިތުކަމާއެކު ތެދުވި ތާރީޚީ ވަގުތެއްގެ ގޮތުގައި މި ސަމިޓު ހެދުމަށް ވެސް ރައީސް ގޮވާލެއްވިއެވެ.