ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މީޑިއާ ބިލަކީ މީސް މީޑިއާ ރެގިއުލޭޓް ކުރުމަށް ހެދިފައިވާ ބިލެއް ނޫން: ޚަލީލު

ރައީސް މުއިއްޒު އަދި ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލު. ---
ރައީސް މުއިއްޒު އަދި ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލު. ---

ސަރުކާރުން ހުށަހަޅާފައިވާ މީޑިއާ ބިލަކީ، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކާއި ނޫސްތައް ރެގިއުލޭޓް ކުރުމަށް އަމާޒުކޮށްފައިވާ ބިލެއް ކަމަށާއި، މީސް މީޑިއާ ރެގިއުލޭޓް ކުރުމަށް ހެދިފައިވާ ބިލެއް ނޫން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އޮފް ސްޓްރެޓެޖިކް ކޮމިއުނިކޭޝަން، އިބްރާހިމް ހަލީލް، ރޭ ވިދާޅުވެއްޖެއެވެ.

މީޑިއާ ބިލާ ގުޅޭގޮތުން މީރުމާގައި ބޭއްވި ނޫސްވެރިންގެ ފޯރަމްގައި ވާހަކަ ދައްކަވަމުން ހަލީލް ފާހަގަކުރެއްވީ، މީޑިއާ ބިލާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު، އެއީ މީސް މީޑިއާ ރެގިއުލޭޓް ކުރާ ބިލެއް ކަމަށް ވަރަށް ގިނައިން ބުނަމުންދާތީ، ހުރިހާ ބޭފުޅުންވެސް މި ބިލު ކިޔާލުން މުހިންމު ކަމަށެވެ. "މި ބިލަކީ މީސް މީޑިއާ ނުވަތަ ފޭސްބުކް، އެކްސް ފަދަ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންނަށް ނުވަތަ ކޮންޓެންޓް ކުރިއޭޓް ކުރާ މީހުންނަށް ދަންނަ ބިލެއް ނޫން،" ހަލީލް ވިދާޅުވިއެވެ. މި ބިލު ދަންނަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކާއި ނޫސްތަކަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކޮމިއުނިކޭޝަން ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ހަލީލު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްފުޅުތަކަކީ މި ރާއްޖޭގައި މިހާތަނަށް އެންމެ ހާމަ ބޮޑު ގޮތެއްގައި ހިންގަމުންދާ ކަންތައްތައް ކަމަށެވެ. މިކަން އެނގޭނީ މާޒީގައި ކަންތައްތައް ހިނގާފައި އޮތް ގޮތާ، މިހާރު ކަންތައްތައް ހިނގާފައިވާ ގޮތަށް ވިސްނާ ފިކުރުކޮށްލީމާ ކަމަށް ހަލީލު ވިދާޅުވިއެވެ.

ހަލީލު ވިދާޅުވި ގޮތުގައި، މިއަދުގެ ސަރުކާރުން ނޫސްވެރިކަން ވަރަށް ފުޅާ ދާއިރާއެއްގައި ކުރަން ބޭނުންވި ނަމަވެސް، އެކަން ކުރަން ބޭނުންވަނީ ޒިންމާދާރުކަމާ އެކުގައެވެ. އޭނާ ވަނީ މި ސަރުކާރުން ނޫސްވެރިންނަށް ދޭ އަހައްމިއްޔަތާއި، މައުލޫމާތު ދިނުމަށް ދެވޭ ސަމާލުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސަތޭކަޔަށް ވުރެ ގިނަ ނޫސް ކޮންފަރެންސް ބާއްވާފައިވާ ކަމަށާއި، އެތައް ބައިވަރު އިންޓަވިއުއެއް މިނިސްޓަރުން ދެއްވާފައިވާ ކަމަށްވެސް ހަލީލު ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ތަޖުރިބާކާރު އަދި އިލްމީ ބޭފުޅުން ކަމަށް ވާތީ، މީޑިއާ ބިލާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ ބަދަލުކޮށްގެން ދައްކާ ވާހަކަތަކެއް ކަމަށް ހަލީލު ވިދާޅުވިއެވެ. "މިތާ އެބަ ތިބި އެކްޓިވްކޮށް އުޅޭ 60 ނޫސްވެރިން. އަޅުގަނޑަށް މި ފެންނަނީ ވަރަށް ޒުވާން ނޫސްވެރިން. ރައްޔިތަކަށް ވެފައި މަގާމެއްގައި ހުރި މީހަކަށް ވަނީ. މިތާ މި ތިބީ ޒުވާނުން، ދިވެހި ރައްޔިތުން، މި ރާއްޖޭގައި ހެދޭ ކޮންމެ ގާނޫނެއް އެބައެއްގެ މައްޗަށް ތަންފީޒުވާ މީހުން،" ހަލީލު ވިދާޅުވިއެވެ.

އިބްރާހިމް ހަލީލް ވަނީ ހިޔާލު ތަފާތުވާ ނޫސްވެރިންނަށްވެސް ވަރަށް އިހުތިރާމް ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ހިޔާލު ތަފާތުވުމުގެ ތެރެއިންވެސް ކޮންމެވެސް ކުރިއެރުމެއް އޮވެއެވެ. އެ ކުރިއެރުން އަންނަނީ ގައުމަށް ނުވަތަ މުޖުތަމައަށް ކޮންމެވެސް ފައިދާއަކަށް ކަމަށް ވިދާޅުވިއެވެ.