ސީއެސްސީގެ ރައީސްކަމަށް މުޖުތާޒު އައްޔަންކޮށް ޖޭއެސްސީ މެންބަރުކަންވެސް ދެއްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުޙައްމަދު މުޖުތާޒް އެ ކޮމިޝަންގެ ރައީސް ކަމަށާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް މިއަދު އައްޔަންކުރައްވައިފިއެވެ. މުޖުތާޒު ވަނީ ސީއެސްސީގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރު ކަމަށް ވެސް އައްޔަންކުރައްވައިފައެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، މުޖްތާޒް ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމު ވަނީ މުޖްތާޒަށް ހުވާ ލައިދެއްވާފައެވެ. މީގެ އިތުރުން ސީއެސްސީގެ ނައިބު ރައީސަކަށް، އެ ކޮމިޝަންގެ ކުރީގެ ރައީސް މުޙައްމަދު ނާސިހު ރައީސް މުއިއްޒު ވަނީ އައްޔަންކުރައްވާފައެވެ.
އެބޭފުޅުންނަކީ މިދިޔަ އޭޕްރީލް މަހު ސީއެސްސީގެ މެންބަރުކަމަށް އައްޔަނުކުރެއްވި ބޭފުޅުންނެވެ. މުޖުތާޒު، ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވެއެވެ. ނާސިހު ކުރިން ވަނީ ސީއެސްސީގެ ރައީސްކަން ކުރައްވާފައެވެ.
Ads by BMLމީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށް މުޙައްމަދު ޝަފީގް މަޙުމޫދު ރައީސް މިއަދު ވަނީ އައްޔަނުކުރައްވައިފައެވެ. ޝަފީގް މީގެކުރިން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯކަމާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯކަމާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވެއެވެ.
މި ތިން ބޭފުޅުންނަކީވެސް، މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވާ ބޭފުޅުންނެވެ. މުޖުތާޒު ސީއެސްސީއަށް އައްޔަނުކުރުމަށް ވޯޓުގައި ބައިވެރިވި 68 މެންބަރުން ރުހުން ދެއްވި އިރު، ނާސިހަށް ރުހުން ދޭން ފެންނަ ކަމަށް 64 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ޝަފީގު އައްޔަނުކުރުމަށް 67 މެންބަރުން ރުހުން ދެއްވިއެވެ.
މި އައްޔަންކުރެއްވުންތައް ދައްކުވައިދެނީ ރައީސް މުއިއްޒުގެ ސަރުކާރުން މުހިންމު މުއައްސަސާތަކަށް އިސް ބޭފުޅުން އައްޔަންކުރުމަށް ދޭ ސަމާލުކަމެވެ.
Ads by MACL
