ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ރައީސް މުޢިއްޒު ތަސްދީޤު ކުރައްވައިފި
ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި އެމީހުންގެ ޚިޔާލު ހޯދުމަށް މަގުފަހިކޮށްދޭ، "ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު"، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ތަސްދީޤު ކުރައްވާފައެވެ.
މި ބިލަކީ، 2025 ސެޕްޓެންބަރު 15 ވީ ހޯމަ ދުވަހު، ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއްގައި ފާސްކުރެވުނު ބިލެކެވެ. ރައީސް މި ބިލު ތަސްދީޤު ކުރެއްވުމާއެކު، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި، މި ޤާނޫނަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
މި ޤާނޫނުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ހުރިހާ އުޞޫލުތަކެއް ވަނީ ތަފްޞީލުކޮށް ބަޔާންކޮށްފައެވެ. ޤައުމީ ފެންވަރުގެ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާއަށް ނިންމެވޭނެކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ހަމަ އެފަދައިން، ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށްވެސް މިފަދަ ވޯޓެއް ނެގުމަށް ނިންމިދާނެއެވެ.
Ads by BMLމި ޤާނޫނުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގޭނެ ޙާލަތްތަކާއި، ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތައް ކަނޑައަޅާފައިވެއެވެ. އޭގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން މި ވޯޓު ނެގުމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި، ވޯޓު ނެގުމާ ގުޅޭ އެހެނިހެން ހުރިހާ ކަމެއްވެސް މި ބިލުގައި ހިމަނާފައިވެއެވެ.
މި ޤާނޫނަކީ، ދިވެހި ދިމިޤުރާޠީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
Ads by MACL
