ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިއަހަރު އަލަށް 1,300 އަށް ވުރެ ގިނަ އެނދު، ފަތުރުވެރިންގެ އަދަދު 9.6% އިތުރު!

މިއަހަރު އަލަށް 1,300 އަށް ވުރެ ގިނަ އެނދު، ފަތުރުވެރިންގެ އަދަދު 9.6% އިތުރު!

މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 1,300 އަށް ވުރެ ގިނަ އެނދު އިތުރުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާވެ، ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ގާބިލިއްޔަތު އިތުރުވެފައިވާކަން އަންގައިދޭ ހެއްކެކެވެ. މީގެ އިތުރުން، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 9.6 އިންސައްތަ އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

އަހަރުގެ ފެށުމުގައި ރާއްޖޭގައި އޮޕަރޭޝަނަލްކޮށް ހުރީ 63,248 އެނދެވެ. މީގެ ތެރޭގައި 42,547 ރިސޯޓު އެނދާއި، 15,621 ގެސްޓް ހައުސް އެނދާއި، 2,028 ހޮޓާ އެނދާއި، 3,052 ސަފާރީ އެނދު ހިމެނެއެވެ. ނަމަވެސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މިހާރު އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީ ވަނީ 64,555 އެނދަށް އަރާފައެވެ. މި އިތުރުވުމަކީ 1,307 އެނދެވެ. މިހާރު ހުރި އެނދުތަކުގެ ތެރޭގައި 43,247 ރިސޯޓު އެނދާއި، 15,626 ގެސްޓް ހައުސް އެނދާއި، 2,484 ހޮޓާ އެނދާއި، 3,198 ސަފާރީ އެނދު ހިމެނެއެވެ.

ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ޖުމްލަ އެނދުގެ އަދަދު 66,655 އެނދަށް އަރައެވެ. މިހާރު ރާއްޖޭގައި ޖުމްލަ 1,265 ޓޫރިސްޓު ފެސިލިޓީ ހުޅުވާލާފައިވާއިރު، މީގެ ތެރޭގައި 174 ރިސޯޓާއި، 914 ގެސްޓްހައުސްއާއި، 161 ސަފާރީއާއި، 16 ހޮޓާ ހިމެނެއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1,563,194 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 9.6 އިންސައްތައިގެ ކުރިއެރުމެކެވެ. މި އަދަދުތަކުން ދައްކަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދަނީ ކުރިއަރަމުންނާއި، ގިނަ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަގުބޫލުކަން އިތުރުވަމުންދާ ކަމެވެ.