ބޮޑެތި އަދަދުތަކުން ނޫސްވެރިން ޖޫރިމަނާކުރުމުގެ ބައި މީޑިއާ ބިލުންވަނީ އުނިކޮށްފައި
ދިވެހިރާއްޖޭގެ މީޑިއާ ރެގިއުލޭޓްކުރުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، މި ބިލުގައި އެންމެ ބޮޑަށް ބަހުސްކުރެވި ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެއް ކަމަކީ، ވަކިވަކި ނޫސްވެރިންނަށް 5،000ރ. އާއި 25،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް އޮތް ބައެވެ. ނަމަވެސް މަޖިލީހުގެ ކޮމެޓީ މަރުހަލާގައި މި ބައި ވަނީ އުނިކޮށްފައެވެ.
މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި މި ބިލު ފާސްކުރީ 60 މެމްބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަމައެކަނި ވެލިދޫ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އައްބާސްއެވެ.
ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގެ މާއްދާގައި މިހާރު ބަޔާންކޮށްފައިވާ ގޮތުގައި، ގާނޫނުގެ ދަށުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ، އާންމުންގެ ކިބައިން މާފަށް އެދުމަށް ނުވަތަ ކޮމިޝަނުން އަންގާ ވަގުތެއްގައި ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ކުށުގެ އިސްލާހު އާންމުކުރުމަށް ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެނައުމަށް ބަޔާނެއް އާންމުކުރުމަށް އަންގާނެއެވެ.
Ads by BMLމީޑިއާގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ތެދު ނޫން މައުލޫމާތެއް ހާމަކޮށްފިނަމަ، އެ މައުލޫމާތެއް އެއީ ތެދު ނޫން މައުލޫމާތެއްކަން އެންގުމާ އެކު ވީހާވެސް އަވަހަކަށް އެ ކަމަށް މާފަށް އެދެން ޖެހޭނެއެވެ. އަދި އެފަދަ މައުލޫމާތު އިސްލާހުކުރާކަން ނުވަތަ އެކަމަށް މާފަށް އެދޭކަން، އެފަދަ މައުލޫމާތެއް ހާމަކުރި ފަރާތަކުން އާންމުކޮށް އެނގޭ ގޮތަށް ހާމަކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް އޮތް ފަރާތްތަކުން އެ ގާނޫނާ ނުވަތަ ގާނޫނުގެ ދަށުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ، 50،000ރ. އާއި 250،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ކޮމިޝަނުން ބަލާ މައްސަލަތައް، ހާއްސަ ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް، 30 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. މައްސަލަތައް ބެލުމުގައި ނޫސްވެރިންނަށް ނުވަތަ މީޑިއާއަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ އިތުރުން، ވަކީލެއްގެ އެހީ ހޯދުމުގެ ހައްގު ވެސް ލިބިދޭނެއެވެ.
ބިލުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުވެގެން މައްސަލައެއް ބަލާނަމަ، އެ މައްސަލަ ބެލުމަށް ވަގުތީ މައްސަލަ ބަލާ ކޮމިޓީއެއް ހަދަން ޖެހެއެވެ. މައްސަލަ ބަލާ ކޮމިޓީއަށް ކޮމިޝަނުގެ މެމްބަރުން ނޫން ފަންނީ ފަރާތްތަކުން ވެސް އައްޔަން ކުރެވޭނެއެވެ.
މީހުންގެ އަމިއްލަ މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. ކުރިން "އެކި ފަރާތްތަކުގެ އަމިއްލަ މިނިވަން ކަމުގެ ދާއިރާގެ ތެރެއަށް ނުޙައްގުން ވަދެގެން ނުވާނެ" ކަމަށް އޮތް އޮތުން ބަދަލުކޮށް، "އެފަދަ މައުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިޙްތިރާމްކުރުން" މައުލޫމާތު ހާމަކުރުމުގެ މިންގަނޑެއްގެ ގޮތުގައި ހިމަނާފައިވެއެވެ.
ބިލުގެ 66 ވަނަ މާއްދާގެ (ޅ) ގައި އޮތް، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލްކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ ބައި ވެސް ވަނީ އުނިކޮށްފައެވެ.
މި ބިލުގައި މީޑިއާ މާނަކޮށްފައި އޮންނަނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް އެކަންޏެވެ. އެހެންކަމުން ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް ފިޔަވައި އެހެން އެއްވެސް ބައެއް މި ބިލުގެ ދަށުން ރެގިއުލޭޓް ނުކުރެވޭނެއެވެ.
ބިލަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރައްވާ ދުވަހުން ފެށިގެންނެވެ. ބިލަށް އަމަލުކުރަން ފެށުމާއެކު މިހާރު ހުރި މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އުވެނިގެންދާނެއެވެ. އަދި މި ދެ މުއައްސަސާގެ ބަދަލުގައި އާ ކޮމިޝަނެއް އުފައްދާނެއެވެ. ނަމަވެސް މި ދެ މުއައްސަސާގައި މިހާރު ތިބި މުވައްޒަފުން އަލަށް އުފައްދާ ކޮމިޝަނުގެ މުވައްޒަފުންގެ ގޮތުގައި ބަދަލުކުރާނެއެވެ.
ނޫސްވެރިންގެ ދަފްތަރެއް ބެލެހެއްޓުން އަދި ދަފްތަރުގައި ހިމެނޭ ނޫސްވެރިންނަށް ނޫސްވެރިކަމުގެ ފާސް ދޫކުރުމުގެ ކަންތައް ވެސް މި ބިލުގެ ދަށުން ކުރިއަށްދާނެއެވެ. އަދި ނޫސްވެރިންނާ ގުޅޭގޮތުން ބިލުގައި ބަޔާންކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާގައި މަސައްކަތްކުރާ މީހުންނަށް ވެސް އެމީހުންނާ ގުޅޭ ނިސްބަތަކުން ހިނގާނެއެވެ.
ޤާނޫނަށް އަމަލުކުރަން ފަށާތާ 7 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން މި ބިލުގެ ދަށުން ގަވާއިދުތައް ހަދަން ޖެހޭނެއެވެ.
Ads by MACL
