ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖޭގެ މާލީ ހާލަތު މިހާރު އޮތީ ބޮޑެތި މާލީ އިނާޔަތްތަކެއް ދެވޭ ވަރަށްވުރެ ދަށްކޮށް: ރައީސް

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅު ދައްކަވަނީ----
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅު ދައްކަވަނީ----

ރާއްޖޭގެ މާލީ ހާލަތު މިހާރު އޮތީ ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ބޮޑެތި މާލީ އިނާޔަތްތަކެއް ދެވޭ ވަރަށްވުރެ ދަށްކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެހެންކަމުން، ދައުލަތުން ދެމުންދާ މިފަދަ އިނާޔަތްތަކަށް ބަދަލު ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުން އާންމުކުރާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދައުލަތުން ދެމުންދާ އެކި އިނާޔަތްތަކާ މެދު އާންމުންގެ ތެރޭގައި ކަންބޮޑުވުން އުފެދިފައިވާ ކަމަށެވެ. މީގެ ތެރެއިން ޚާއްސަކޮށް ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ލިބޭ ބޮޑެތި އިނާޔަތްތަކާ މެދު ރައްޔިތުން ސުވާލު އުފައްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ކޮންމެ ގައުމެއްގައިވެސް އިނާޔަތްތައް ދިނުމުގައި ބަލަންޖެހޭނީ އެ ގައުމެއްގެ އިގްތިސާދީ ހާލަތަށެވެ. އެހެންކަމުން، ކުރީގެ ރައީސުންނަށް ދެމުންދާ އިނާޔަތްތަކަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށާއި، ބައެއް އިނާޔަތްތައް އުނިކޮށް، އަނެއް ބައި އިނާޔަތްތައް އިސްލާހުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.