ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން ރާއްޖޭގެ ފުރަތަމަ ފިޒިއޮތެރަޕީ ސިމްޕޯޒިއަމް ބާއްވައިފި

ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން ރާއްޖޭގެ ފުރަތަމަ ފިޒިއޮތެރަޕީ ސިމްޕޯޒިއަމް ބާއްވައިފި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފިޒިއޮތެރަޕީ ޑިޕާޓްމެންޓުން، ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފިޒިއޮތެރަޕީ ސިމްޕޯޒިއަމެއް ބާއްވައިފި އެވެ.

މި ސިމްޕޯޒިއަމް ކުރިއަށް ގެންގޮސްފައިވަނީ މި އަހަރުގެ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަސް ފާހަގަކުރުމުގެ ގޮތުން، މި މަހުގެ 15 އާއި 16 ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލްގެ އުޑުވިލާ މާލަމުގަ އެވެ. ޖުމުލަ 80 އަށް ވުރެ ގިނަ ބައިވެރިންނާއެކު މި ސިމްޕޯޒިއަމް ބާއްވާފައިވާއިރު، މިއީ ދިވެހިރާއްޖޭގެ ފިޒިއޮތެރަޕީގެ ދާއިރާ އަށް އާ ހަރުފަތެއް ގެނެސްދީ، ދާއިރާގެ ތަރައްޤީ އަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފިޒިއޮތެރަޕީ ޑިޕާޓްމެންޓުން ބުނެ އެވެ.

މިއަހަރުގެ ފިޒިއޮތެރަޕީ ދުވަހުގެ ޝިޢާރަކީ "ދުޅަހެޔޮ ދުވަސްވީ އުމުރު: ވެއްޓުމާއި ބަލިކަށިވުން ހުއްޓުވުން" އެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ސިމްޕޯޒިއަމްގައި ހުށަހެޅި ލެކްޗަރތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ މި ޝިޢާރާ ގުޅޭގޮތުންނެވެ.

މި ސިމްޕޯޒިއަމްގައި މާލެ ސަރަހައްދުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފިޒިއޮތެރަޕިސްޓުންނާއި، ސިއްހީ ދާއިރާގެ ޚާއްސަ މާހިރުން ބައިވެރިވެފައިވެ އެވެ. މީގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލް، އޭއެމްޑީސީ، ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލް، މެޑިކާ ހޮސްޕިޓަލް، ފިޒިއޯ ސޮލިއުޝަން، މިއޮޓް އަދި ގައުމީ ޔުނިވަރސިޓީގެ ލެކްޗަރަރުންނާއި ފިޒިއޮތެރަޕީ ކިޔަވަމުންދާ ދަރިވަރުން ހިމެނެ އެވެ.

ސިމްޕޯޒިއަމްގެ ފުރަތަމަ ދުވަހު ބޭއްވުނު ޕެނަލް މަޝްވަރާގައި މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސް، ޑރ. އަހުމަދު އަޝްރަފް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ސިމްޕޯޒިއަމްގެ ތެރެއިން ފިޒިއޮތެރަޕީ ދާއިރާގެ ކުރިއެރުމަށް މަގުފަހިވާނެ ގޮތަށް ބައިވެރިން މަޝްވަރާކުރައްވަމުންދާ މަންޒަރެއް ހިމަނައިދެވޭނެ.