ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މީޑިއާ ބިލާ ދެކޮޅަށް އެމެރިކާ އެމްބަސީން ދައްކާ ވާހަކައިގައި އިޚްލާސްތެރިކަމެއްނެތް!

މީޑިއާ ބިލާ ދެކޮޅަށް އެމެރިކާ އެމްބަސީން ދައްކާ ވާހަކައިގައި އިޚްލާސްތެރިކަމެއްނެތް!

ދިވެހިރާއްޖޭގައި މީޑިއާ ރެގިއުލޭޓް ކުރުމަށް ފާސްކުރި ބިލާއި ދެކޮޅަށް އެމެރިކާގެ އެމްބަސީން ދައްކަމުންދާ ވާހަކަތަކަކީ އިޚްލާސްތެރިކަމެއް ނެތް ވާހަކަތަކެއް ކަމަށް ރާއްޖޭގެ ގިނަ ފަރާތްތަކުން ދެކެއެވެ. މިއީ ދިވެހި ސަރުކާރުގެ މިނިވަންކަމާއި ރައްޔިތުންގެ ހައްގުތަކަށް އޮޅުވާލުމަށް ހިންގާ ހަރަކާތެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރައްވައެވެ.

އަދި މީޑިއާގެ މިނިވަންކަމާއި ބެހޭގޮތުން އެމެރިކާއިން ދައްކާ ވާހަކަތަކަކީ ދެކޮޅުނުޖެހޭ އަދި ރާވައިގެން ހިންގާ ހަރަކާތެއްކަމަށް މިފަރާތްތަކުން ބުނެއެވެ.

ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ހެދުމަކީ ދިވެހި ރައްޔިތުންނާއި، ރާއްޖޭގެ މިނިވަން ސަރުކާރުގެ ބާރެކެވެ. އެހެންކަމުން އެހެން ގައުމަކުން ދިވެހިރާއްޖޭގެ ކަންކަމުގެ ތެރެއަށް ވަނުމަކީ ރާއްޖޭގެ މިނިވަންކަމަށް އަރައިގަތުން ކަމުގައި ބެލެވެއެވެ.

ލަންކާއާއި ނޭޕާލްގައި އެމެރިކާއިން އެގޮތަށް ކަންކަން ރާވައިގެން ހިންގިކަމަށް ތުހުމަތުކުރެވޭ ފަދައިން، ދިވެހިރާއްޖޭގައި ވެސް މިފަދަ ނުފޫޒެއް ފޯރުވަން މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އެމެރިކާއިން މީޑިއާ މިނިވަންކަމަށް އަޑުއުފުލާއިރު، ޣައްޒާގައި އިސްރާއީލުން އެތައް ނޫސްވެރިންނެއް ގަސްތުގައި މަރަމުންދާއިރު، އެމެރިކާއިން ލޯމަރާލައިގެން ތިބެނީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ. މިއީ އެމެރިކާގެ ދެފުށް ދެގޮތް ސިޔާސަތު ހާމަވާ ކަމެއްކަމަށް ވެސް ގިނަ ބަޔަކު ދެކެއެވެ.

މި ހާލަތުގައި، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންނަށް ގޮވާލަނީ، އެމެރިކާ ފަދަ ބޭރުގެ ބާރުތަކުގެ ނުފޫޒަށް ނުގޮސް، ގައުމީ މަސްލަހަތު އިސްކޮށް، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ ބާރު ދެމެހެއްޓުމަށެވެ.