ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންޑިއާއިން ރާއްޖެއަށް ދިން 50 މިލިއަން ޑޮލަރު ދެއްކުން އިތުރު އެއް އަހަރަށް ފަސްކޮށްދީފި

 އިންޑިއާ ސަފީރު، އިއްޔެގެ ބައްދަލުވުމުގައި. --- ފޮޓޯ: ފިނޭންސް މިނިސްޓްރީ
އިންޑިއާ ސަފީރު، އިއްޔެގެ ބައްދަލުވުމުގައި. --- ފޮޓޯ: ފިނޭންސް މިނިސްޓްރީ

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ކުރިން ދިން 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ 50 މިލިއަން ޑޮލަރު ދެއްކުމުގެ މުއްދަތު އިތުރު އެއް އަހަރަށް ފަސްކޮށްދިނުމަށް ނިންމައިފިއެވެ. މި ނިންމުން އައިސްފައިވަނީ މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އިންޑިއާގެ އިސް ވަފުދަކާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި މިހާރުވެސް ކުރިއަށްދާ ގިނަ މަޝްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. އިންޑިއާގެ ވަފުދުގައި އިސްކޮށް ހުންނެވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ. ބާލާސުބްރަމަނިއަންއެވެ. އެމަނިކުފާނުގެ އަރިހުގައި ޖޮއިންޓް ސެކްރެޓަރީ ސޫޖާ ކޭ. މެނޮން އަދި އިންޑިއާގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ ހާރިޖީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި މަޝްވަރާތަކުގެ މުހިންމު ނަތީޖާއެއްގެ ގޮތުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ސަބްސްކްރައިބްކޮށްފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް، ސެޕްޓެމްބަރު 18 ގައި މުއްދަތު ހަމަވުމުން އިތުރު ކުރެވޭނެކަން ކަށަވަރު ކުރެވުނެވެ. މިކަމުން ހާމަވަނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުންގެންދާ ދެމެހެއްޓެނިވި އިތުބާރާއި އެހީތެރިކަން ކަމަށް ފޮރިން މިނިސްޓްރީން ފާހަގަކުރައްވައެވެ.

މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ އިންޑިއާ ސަރުކާރުގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ފައިނޭންސްކުރެވޭ މުހިންމު ތަރައްގީގެ މަޝްރޫއުތަކުގެ ޕޯޓްފޯލިއޯއަށެވެ. ދެފަރާތުން ވަނީ މި މަޝްރޫއުތައް ތަންފީޒުކުރުމުގައި ދިމާވާ މައިގަނޑު ގޮންޖެހުންތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި، ދިވެހި ރައްޔިތުންގެ މަންފާއަށްޓަކައި އެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އޮތް ފުރުސަތުތަކާ މެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. ދެފަރާތުންވެސް އިގްތިސާދީ އެއްބާރުލުމަށް އާ ފުރުސަތުތައް ހޯދުމަށާއި، ރާއްޖެއާއި އިންޑިއާއާ ދެމެދުގައި ހިންގޭ ވިޔަފާރީގެ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިކަމަށް ހާރިޖީ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ކުރީކޮޅު، 2019 ވަނަ އަހަރު، ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް 200 މިލިއަން ޑޮލަރު ނެގިއެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. ބާކީ 150 މިލިއަން ޑޮލަރަކީ އެސްބީއައިއަށް ޓްރެޝަރީ ބިލް ވިއްކައިގެން ހޯދި ލޯނެކެވެ. ސޯލިހުގެ ވެރިކަން ނިމިގެން އައިއިރު، މި ލޯންގެ އެއްވެސް މިންވަރެއް ދައްކާފައި ނުވުމުން އެ ދަރަނި ދައްކަން ޖެހުނީ މި ސަރުކާރަށެވެ. ކުރީގެ ސަރުކާރުން އެ ލޯން ދެއްކުމުގެ ބަދަލުގައި އިންޑިއާ ސަރުކާރަށް ހުށަހަޅައިގެން ދިޔައީ އެއް އަހަރުން އަނެއް އަހަރަށް ލޯން ރޯލް އޯވަރު ނުވަތަ ލޯން ދެއްކުން ފަސްކުރަމުންނެވެ.

ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު ދެއްކެވިއެވެ. އެހެންވެ، މިހާރު ބާކީ 100 މިލިއަން ޑޮލަރު އަދިވެސް ދައްކަން އެބައޮތެވެ.

އިންޑިއާ ސަރުކާރުން ވަނީ ރާއްޖޭގެ ރިޒާވް ރަނގަޅު ކުރުމަށް ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖައްސައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 400 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިލިޓީއަކާއި 30 ބިލިއަން ރުޕީސްގެ ސްވޮޕް ފެސިލިޓީއެކެވެ. މިއީ ރާއްޖެއިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ނެގޭނެ ފެސިލިޓީއެކެވެ.