ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފައްޔާޒުގެ ވައުދު: ވެރިކަމުގެ ފުރަތަމަ ދުވަހު މީޑިއާ ބިލު އުވާލާނަން!

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ---
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ---

އެމްޑީޕީން އަލުން ރާއްޖޭގެ ވެރިކަމަށް އަތުވެއްޖެނަމަ، ވެރިކަން ލިބޭ ފުރަތަމަ ދުވަހުން ފެށިގެން މީޑިއާ ރެގިއުލޭޓްކުރުމަށް ފާސްކޮށްފައިވާ ބިލު އުވާލާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ޤައުމީ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން ފައްޔާޒް މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން އަންގާރަ ދުވަހު ފާސްކުރި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ" ގުޅިގެން ހުރި ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުންނެވެ.

މި ސަރުކާރުން ޤާނޫނު އަސާސީ "އިރާލުމަށް" ކުރި ހުރިހާ މަސައްކަތެއް އަނބުރާ އިޔާދަކޮށް، ދެވަނަ ފަރާތަކަށް ޤާނޫނު އަސާސީއާ ނުކުޅެވޭ ވަރު ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން އެންމެ ފުރަތަމަ އުވާލާނީ މީޑިއާ ރެގިއުލޭޓްކުރާ ބިލު ކަމަށާއި، ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތައް ވެސް ރަނގަޅުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި ވޭޕާއި ސިނގިރޭޓަށް ނަގާ ޑިއުޓީ ރައްޔިތުންގެ މަޝްވަރާއާއެކު ބަދަލުކުރުން ހިމެނެއެވެ.

މިހާރުގެ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ތަކުލީފުތައް ވެސް ރަނގަޅުކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން ޤާނޫނު އިސްލާޙުކޮށްގެން މި ސަރުކާރުން ރާއްޖޭގައި ބޭނުންކުރުން މަނާކުރި ވޭޕުގެ އިތުރުން ސިނގިރޭޓަށް ނަގާ ޑިއުޓީ ވެސް ރައްޔިތުންގެ މަޝްވަރާއާއެކު ބަދަލުކުރާނެ ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ޙަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ އެންޑް ރެގިއުލޭޝަން ބިލު މަޖިލީހުން ފާސްކުރީ، ގިނަ ނޫސްވެރިންނާއި އިދިކޮޅު ފަރާތްތަކުން އެ ބިލާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. މީގެކުރިން ވެސް މިދިޔަ ސަރުކާރުން ހެއްކާބެހޭ ބިލެއްގެ ނަމުގައި، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށް ހުށަހެޅި ބިލެއްގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް ފަނޑިޔާރުންނަށް މަޖުބޫރުކުރެވިދާނެ ހާލަތްތައް ހިމެނުމުން، ގިނަ ނޫސްވެރިން ކަންބޮޑުވުން ފާޅުކުރިއެވެ. ނަމަވެސް އެ ކަންބޮޑުވުންތަކަށް ބީރުކަންފަތެއް ދީ، އެ ބިލު ފާސްކުރިއިރު، އެ ޤާނޫނަށް 18 ޖެނުއަރީ 2023 އިން ފެށިގެން ޢަމަލުކުރަމުންދާކަން ފާހަގަކުރެވެއެވެ.