ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެފްއޭއެމްގެ އެކްސްކޯއަށް ފީފާގެ ތައުރީފް، ފުޓްބޯޅައަށް ރަނގަޅު ވާނެ!

އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) (ވ) ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ---
އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) (ވ) ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ---

ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ކުރައްވާ މަސައްކަތްތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ތައުރީފުކުރައްވައިފިއެވެ.

މި ތައުރީފަކީ ރާއްޖޭގެ ފުޓްބޯޅައަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި ފުޓްބޯޅައިގެ ކުރިއެރުންތައް އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. ޓޮމްއާ އެކު ބޭއްވެވި ބައްދަލުވުމުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުން އިންފަންޓީނޯ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ފުޓްބޯޅައިގެ ކުރިމަގު ރަނގަޅު ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

އިންފަންޓީނޯ ވަނީ ޓޮމްގެ ތަޖުރިބާ އާއި ގާބިލުކަމަށް ހާއްސަ އިޝާރާތެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިދިޔަ ޖުލައި މަހު ބޭއްވުނު އެފްއޭއެމްގެ އިންތިހާބުގައި ޓޮމް ހޯއްދެވި ކާމިޔާބީއަކީ، އޭނާގެ ގާބިލުކަމުގެ ހެއްކެއް ކަމަށެވެ.

މީގެ ކުރިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕްގައި ހުރި ގިނަ މައްސަލަތަކެއްގެ ސަބަބުން ފީފާ އިން އޭނާ ސަސްޕެންޑްކުރިއެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މަސައްކަތްތައް ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެނެވުނެވެ. ނަމަވެސް، މި އަހަރުގެ ޖުލައި 26 ވަނަ ދުވަހު، އެ ނޯމަލައިޒިން ކޮމިޓީން ބޭއްވި އިންތިހާބުގައި ހުރިހާ މެމްބަރު ކްލަބުތަކުގެ ތާއީދާއިއެކު، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ޓޮމްގެ ޓީމުން ވަނީ ކާމިޔާބު ހޯއްދަވާފައެވެ.