ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

"100% ޔަގީންކަން މިދެނީ މިވެރިކަން ވެއްޓުނުގޮތަކަށް ވައްޓާލާނަން": ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ---
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ---

މިވެރިކަން ވެއްޓުނުގޮތަކަށް ވައްޓާލާނެކަމުގެ ޔަޤީންކަން ފައްޔާޒު ދެއްވައިފިއެވެ.

މިހާރުގެ ސަރުކާރު، ވެރިކަމަށް އައި ގޮތުގެމަތިން އަނބުރާ ވައްޓާލާނެކަމުގެ 100% ޔަގީންކަން ދެއްވާކަމަށް ވިދާޅުވެ އެމަނިކުފާނު މި ވާހަކަފުޅު ދެއްކެވީ މީޑިއާ ބިލް ފާސްކުރުމާ ދެކޮޅަށް ނޫސްވެރިން އިންތިޒާމްކުރި މުޒާހަރާއެއްގައި ބައިވެރިވެ، މަޖިލިސްކުރާ ގޭކައިރީ މަގުމަތީގައި އިށީންދެ އިންނަވައި، ފުލުހުންނާ މުޚާޠަބުކުރައްވައެވެ.


މި ހަރަކާތަކީ މިނިވަން މީޑިއާގެ ދިފާޢުގައި ނޫސްވެރިން ކުރިއަށްގެންދިޔަ މުޒާހަރާއެކެވެ.


މީގެ އިތުރުން ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވެސް ފައްޔާޒު ވިދާޅުވީ، އެމްޑީޕީން އަނެއްކާވެސް ވެރިކަމަށް އައިސް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުތަކަށް ގެނެސްފައިވާ ނުރަނގަޅު ބަދަލުތައް އުވާލާނެ ކަމަށެވެ. އެގޮތުން، އެންމެ ފުރަތަމަ އުވާލާނީ މިހާރު ފާސްކޮށްފައި އޮތް މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ކަމަށް ސިފަކުރައްވައި އެ ބިލާއި ސިނގިރޭޓު ޑިއުޓީ އަދި ވޭޕް ބޭނުންކުރުމާ ގުޅޭގޮތުން ގެނައި ބަދަލުތައް އުވާލާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


"ރައްޔިތުންނަށް ވެފަ ހުރި ތަކުލީފުތައް. އޭގެ ތެރޭގައި ސިނގިރޭޓުގެ ޑިއުޓީ، ވޭޕް [ބޭން]. މި ހުރިހާ ކަމަކީ އަޅުގަނޑުމެން ރައްޔިތުންގެ މަޝްވަރާއާއި އެއްކޮށް ބަދަލުކުރާނެ ކަންކަން ކަން އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުންވޭ." ފައްޔާޒު ވިދާޅުވިއެވެ.


އެމްޑީޕީގެ ޗެއާޕާސަން އިތުރަށް ވިދާޅުވީ، ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންގެ މަޝްވަރާއާއެކު މި ސަރުކާރުން ބޮޑުކުރި ސިނގިރޭޓު ޑިއުޓީ ކުޑަކޮށް، މަނާކޮށްފައިވާ ވޭޕް ހުއްދަކުރާނެ ކަމަށެވެ. އަދި ގާނޫނުތަކަށް ގެނައި ބަދަލުތައް އުވާލުމުގެ އިތުރުން ގާނޫނުއަސާސީއަށް މި ސަރުކާރުން ގެނައި ބަދަލުތައް އުވާލައި، މިފަދަ ވެރިކަމެއް ދެން އަޔަސް އެހާ ފަސޭހައިން ގާނޫނުއަސާސީ ބަދަލުނުކުރެވޭ ވަރަށް ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި އިސްލާހުތައް ގެންނާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.