މީޑިއާ ރެގިއުލޭޓްކުރުމުގެ އާ ގާނޫނު ރައީސް ތަސްދީގު ކުރެއްވުމާއެކު ބްރޯޑްކޮމް އާއި އެމްއެމްސީ އުވިއްޖެ
މީޑިއާތަކާ ގުޅޭ އާ ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައި، ގާނޫނަކަށް ވުމާއެކު ދިވެހިރާއްޖޭގެ ބްރޮޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ރަސްމީކޮށް އުވިއްޖެ އެވެ.
ދައުރުން ބޭރުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރި މި ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ، މިއަދުއެވެ.
އާ ގާނޫނުގެ ދަށުން މީޑިއާތައް ރެގިއުލޭޓް ކުރުމަށް އާ ކޮމިޝަނެއް އުފައްދާނެއެވެ. މި ކޮމިޝަން އުފެއްދެންދެން، އުވުނު ދެ އިދާރާއިން ކުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ 5 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާނެއެވެ.
Ads by BMLރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން މިބިލް ފާސްކުރި ނަމަވެސް އެ ގާނޫނު ބަލައިނުގަންނާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރޭ ވަނީ ބުނެފައެވެ.
ނޫސްވެރިންގެ ޑިމާންޑަކީ މިހާރު މީޑިއާ ކައުންސިލް އޮންނަ ގޮތަށް ހަމައެކަނި ނޫސްތަކާއި މީޑިއާ ތަމްސީލުކުރާ މެންބަރުން ހިމެނުމެވެ.
އާ ގާނޫނުގެ ދަށުން އެކުލަވާލާ 7 މެންބަރުންގެ ކޮމިޝަނަށް 3 މެންބަރުން އަދި ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގެ ބާރު ލިބެނީ ރައްޔިތުންގެ މަޖިލީހަށެވެ.
އަނެއް 4 މެންބަރުން އިންތިހާބު ކުރާނީ މީޑިއާތަކުންނެވެ. އޭގެ ތެރޭގައި ބްރޮޑްކާސްޓަރުން ތަމްސީލު ކުރާ 2 މެންބަރުންނާއި އެހެން މީޑިއާތައް ތަމްސީލު ކުރާ 2 މެންބަރުން ހިމެނޭނެއެވެ.
Ads by MACL
