130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހޯދަމުންދާ ޝަހީބުގެ އަންހެނުން ހައްޔަރުކުރުމުން އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ
ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައާ ގުޅިގެން ދައުވާ ލިބޭ ޝަހީބު އިބްރާހިމް ފިލައިގެން އުޅޭ މައްސަލައިގައި އޭނާގެ އަންހެނުން ހައްޔަރުކުރުމާ އެކު، ޝަހީބު އަމިއްލައަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވެއްޖެ އެވެ. އަދި އޭނާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
ޝަހީބުގެ އަންހެނުން، މ. ކަރާދުބުރިގެ އާއިޝަތު ވަހީދާ ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނީ އޮގަސްޓް 12، 2020 ގައި މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ޓްރެފިކް ކުރުމުގެ މައްސަލައިގައި ފުލުހުން ހޯދަމުންދާ ޝަހީބު ފިލައިގެން އުޅުމަށް އާއިޝަތު އެހީތެރިވެފައިވާ ކަމުގެ ތުހުމަތުގަ އެވެ.
އުމުރުން 47 އަހަރުގެ ޝަހީބު ހޯދުމަށް ފުލުހުން އިއުލާނުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާ ބަންދުގައި ބަހައްޓައިގެން މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް އަންގާފައި އޮތަސް، އޭރު އޭނާ ހުރި ތަނެއް ނޭނގޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
Ads by BMLއަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ އިތުރުން ހެކި ފޮރުވައިފާނެ ކަމުގެ ބިރު ހުރުމުންނާއި މުޖުތަމައުގެ ސަލާމަތަށްޓަކައި އާއިޝަތު ވަހީދާ ހައްޔަރުކުރަން ނެރުނު އަމުރުގައިވެ އެވެ. އަންހެނުން ހައްޔަރުކުރިތާ މާގިނައިރުތަކެއް ނުވެ ޝަހީބު ވަނީ އަމިއްލައަށް ފުލުހުންގެ ބެލުމުގެ ދަށަށް ގޮސްފަ އެވެ.
މި މައްސަލާގައި ޝަހީބުގެ އިތުރުން ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހްމަދު މޫސާ ވެސް ހިމެނެ އެވެ. 2020 ވަނަ އަހަރު ކަންނެލި ދޯންޏެއްގައި ޑްރަގް އެތެރެކުރަނިކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި އެ ދެމީހުން ހިމެނެ އެވެ.
ޝަހީބު ރާއްޖެއިން ބޭރަށް ދިއުން މަނާކޮށްފައިވީ ނަމަވެސް، ޖުލައި 2023 ގައި އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ ދޫކޮށްލާފަ އެވެ. މީގެ ކުރިން ވެސް އޭނާ ބޭސްފަރުވާ އަށް ދޫކޮށްލާފައިވެ އެވެ. އެފަހަރު ދޫކޮށްލަން ނެރުނު އަމުރު އިސްތިއުނާފް ކުރުމުން ބާތިލްކުރުމަށް ފަހު އަނެއްކާވެސް އޭނާ ހައްޔަރުކުރި އެވެ.
ރާއްޖެއަށް އެތެރެކުރި 130 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ޖުމްލަ ހަ މީހެއްގެ މައްޗަށެވެ. އެއީ ޝަހީބާއި އަހްމަދު މޫސާގެ އިތުރުން، ގއ. ވިލިނގިލި، ދުންފިނިގޭ، އަސީލް މާހިރާއި ޅ. ހިންނަވަރު ސެލް، އަނަސް ހުސައިނުގެ އިތުރުން ބަންގްލަދޭޝްގެ ދެމީހުން ކަމަށްވާ އިގްބާލް އާއި މުހައްމަދު ރިޔާދެވެ.
ޝަހީބުގެ މައްޗަށް މީގެ އިތުރުން ވެސް ތުހުމަތެއް ކުރެވެ އެވެ. އެއީ 2019 ވަނަ އަހަރު ޑްރަގް އެތެރެކުރަން ބޭނުންކުރިކަމުގެ ތުހުމަތުގައި ހިފެހެއްޓި ބޯޓެއް ފެތުނު ކަމަށް ބުނެ ފުލުހުންނަށް އޮޅުވާލައިގެން ބޭނުންކުރަމުން ދާ މައްސަލައެކެވެ.
Ads by MACL
