ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މީޑިއާ އަދި ބްރޯޑްކާސްޓިންގ ކޮމިޝަނެއް ރައީސް އުފައްދައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރެއްވި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު" އަށް ޢަމަލުކުރަން ފެށުމާއެކު، އެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" ގެ ނަމުގައި އައު ދައުލަތުގެ އޮފީހެއް ރައީސް އުފައްދަވައިފިއެވެ.

މި ޤާނޫނަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމާއި، ދޮގު ޚަބަރު ފެތުރުން ހުއްޓުވައި، ނޫސްވެރިންނަށް ލިބިދޭ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރުން ކަށަވަރުކުރުމަށް އެކުލަވާލެވިފައިވާ ޤާނޫނެކެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ. އަދި ޒަމާނާ އެއްގޮތަށް ނޫސްވެރިކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތަޢާރަފުކުރުމާއި، ބްރޯޑްކާސްޓިންގ މީޑިއާ ވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުން ވެސް މި ޤާނޫނުގެ ދަށުން ކަށަވަރުކުރެވޭނެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ކުރިން ޢަމަލުކުރަމުން އައި ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނާއި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު ވަނީ އުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން، މޯލްޑިވްސް މީޑިއާ ކައުންސިލާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ވެސް ވަނީ އުވިގެން ގޮސްފައެވެ.

އައު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، ކޮމިޝަނުގެ ކަންތައްތައް ވަގުތީގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. މި ބަދަލާއެކު ދިވެހިރާއްޖޭގެ މީޑިއާ ދާއިރާއަށް ބޮޑު އިންޤިލާބެއް އަންނާނެކަމަށް ލަފާކުރެވެއެވެ.