ފުލިދޫގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ރައީސް އިފްތިތާޙު ކޮށްދެއްވައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އޭޓީއެމް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ވ. ފުލިދޫގައި އޭޓީއެމް ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިން ފުލިދޫއަށް ވަޑައިގެންނެވުމާ ގުޅިގެންނެވެ.
މިކަމަށްޓަކައި ފުލިދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ރައީސްގެ އަރިހުގައި ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބާއި، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފްގެ އިތުރުން ފުލިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިމްތިޔާޒް ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭޓީއެމް ޚިދުމަތް ފެށުމުގެ ރަމްޒީ ކަމެއްގެ ގޮތުން، ރައީސް ވަނީ ހަނދާނީ ބޭންކް ކާޑެއް ފުލިދޫ ކައުންސިލާ ޙަވާލުކުރައްވާފައެވެ.
Ads by BMLމި މަޝްރޫޢަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމްކުރުމަށް ބީއެމްއެލް އާއި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ ބޮޑު މަސައްކަތުގެ ތެރެއިން ފެށުނު ޚިދުމަތެކެވެ. ބީއެމްއެލްގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އޭޓީއެމް ނެތް ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި، މުޅި ރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ޤާއިމްކުރުމެވެ.
Ads by MACL
