ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފުލިދޫން 12 ހެކްޓަރުގެ ބިން ހިއްކައިދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ފުލިދޫން 12 ހެކްޓަރުގެ ބިން ހިއްކައިދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ރައްޔިތުންގެ ޚިޔާލަށް އިސްކަންދެއްވައި، ވ. ފުލިދޫން 12 ހެކްޓަރުގެ ބިން ހިއްކައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މީގެއިތުރުން، އަންނަ އަހަރުގެ ކުރީކޮޅު ފުލިދޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފެލިދެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވ. ފުލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ފުލިދޫއަކީ ގެސްޓްހައުސް ވިޔަފާރި ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ނަމަވެސް ބިން ކުޑަވުމުގެ ސަބަބުން ތަރައްޤީއަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ. އެހެންކަމުން، ރައްޔިތުން އެންމެ ބޮޑަށް އެދެމުންދާ ކަމަކީ ރަށުގެ ބިން ހިއްކައިދިނުންކަމަށާއި، މިކަމަށް ވަޢުދުވެވަޑައިގެންފައިވާ ގޮތަށް 12 ހެކްޓަރުގެ ބިން ހިއްކައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢު ފެށުމަށްޓަކައި، ރައްޔިތުންގެ ޚިޔާލާއި ރުހުން ލިޔެކިޔުމުން ކައުންސިލް މެދުވެރިކޮށް ހުށައެޅުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް އުންމީދުކުރައްވާކަމަށެވެ. ލޯކަލް ޓޫރިޒަމްގެ ރަށެއްގައި ގޮނޑުދޮށުގެ މުހިންމުކަން ފާހަގަކުރައްވައި، މިކަންކަމާ ގުޅޭގޮތުން ރައްޔިތުން މަޝްވަރާކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ފުލިދޫފަދަ ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްތަކަކީ ގިނަ އަދަދެއްގެ ޓެކްސް ސަރުކާރަށް ދައްކަމުންދާ ރަށްތަކެކެވެ. ރަށުގެ އިޤްތިޞާދު ފުޅާކުރުމަށް ފަތުރުވެރިކަމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާތީ، އަންނަ އަހަރުގެ ކުރީކޮޅު ފުލިދޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އެމަނިކުފާނު ފުލިދޫއަށް ކުރެއްވި ދަތުރުފުޅުގައި ފެއްޓެވި ބަނދަރާއި، ސިއްހީ މަރުކަޒުގެ އާ އިމާރާތާއި، އޭޓީއެމްގެ މަސައްކަތަކީ ރަށުގެ ރައްޔިތުން އެދުނު ކަންތައްތަކެއްކަމަށެވެ. އަދި ވޮލީކޯޓުގެ މަސައްކަތާއެކު ރަށުގައި ފުޓްސެލް ދަނޑެއްވެސް އަޅައިދެއްވާނެކަމަށް އެމަނިކުފާނު ވަޢުދުވެވަޑައިގަތެވެ. މިހުރިހާ މަސައްކަތްތަކަކީ ފަރުދީ ތަރައްޤީއާއި ރަށުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

500 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފުލިދޫގައި މިހާރުވެސް 26 ގެސްޓްހައުސް ހިންގަމުންދެއެވެ.