ޕާކިސްތާނުގެ ވަގުތީ ރައީސާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް ބައްދަލުކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ، ޕާކިސްތާނުގެ ވަގުތީ ރައީސް، އޮނަރަބަލް ޔޫސުފް ރަޒާ ގިލާނީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ޣައްޒާގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތާމަވެރި ޙާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި، ފަލަސްޠީނަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެކަން ވަނީ ހާމަކުރައްވާފައެވެ.
މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ދިގު ތާރީޚީ ގުޅުމުގެ މައްޗަށް ބައްލަވައިލައްވައި، މި ގުޅުން އިތުރަށް ހަރުދަނާ ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. ތަޢުލީމީ، ޞިއްޙީ، އަދި ވިޔަފާރީގެ ދާއިރާއިން ޕާކިސްތާނުން ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިމާރާތަކީ ދެ ޤައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއްކަމަށް ފާހަގަކުރައްވައި، މަޖިލީހަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ.
ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ ޢަމަލުތައް މަޖިލީހުގެ ރައީސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް ފަލަސްޠީނާއެކު އޮންނާނެކަމަށާއި، ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ފަލަސްޠީނަށް ތާއީދުކުރުން ދިވެހިރާއްޖެއިން ހުއްޓާނުލާ ކުރިއަށްގެންދާނެކަމަށް ވިދާޅުވިއެވެ.
Ads by BMLބައްދަލުވުމުގެ ނިންމުމުގައި، ޕާކިސްތާނު ސަރުކާރުން އެ މަނިކުފާނަށާއި ވަފުދުގެ ބޭފުޅުންނަށް އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރުއަދާކުރެއްވިއެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނަކީ ސަގާފީ އަދި ދީނީގޮތުން އެއްބައިވަންތަ ދެ ޤައުމުކަން ފާހަގަކުރައްވައި، މިފަދަ އިސްލާމީ ޤައުމުތަކުގެ ގުޅުމަކީ ސުލްޙަ މަސަލަސްކަމާއި، ތަރައްޤީއާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވާނެ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕާކިސްތާނުގެ ވަގުތީ ރައީސް، އޮނަރަބަލް ޔޫސުފް ރަޒާ ގިލާނީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ބައްދަލުކުރައްވާ މަންޒަރު.
Ads by MACL
