ތެދު ހާމަކުރުމުގެ މިނިވަންކަން އެބައޮތް، ދޮގު ހެދުމުގެ ފުރުސަތެއް ނެތް: ރައީސް
ތެދު ހާމަކުރުމުގެ މިނިވަންކަން އެބައޮތްކަމަށާއި، ދޮގު ހެދުމުގެ ފުރުސަތެއް ރާއްޖޭގައި ނެތްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެފައި ވަނީ، ރާއްޖޭގައި ތެދުބަހުން ވާހަކަ ދެއްކުމާއި ހަގީގަތް ހާމަކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް، އެއްވެސް ފަރާތަކާ ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅަކަށް ފެއްޓެވި ދަތުރުފުޅުގައި ވ. ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. މި ބައްދަލުވުމުގައި، މީޑިއާ މިނިވަންކަމާ ގުޅޭގޮތުން ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ރައީސް ވަނީ ތަފްސީލު ދެއްވާފަ އެވެ.
ރައީސް މުއިއްޒު މިދިޔަ އަންގާރަ ދުވަހު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން ނޫސްވެރިންގެ ފަރާތުން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފާޅުކޮށްފަ އެވެ. ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރާ މާއްދާތައް އެ ބިލުގައި ހިމެނޭ ކަމަށް ބުނެ، ނޫސްވެރިންގެ ޖަމިއްޔާއިން ވަނީ އެ ގާނޫނަށް އަމަލުނުކުރާނެ ކަމަށް ބުނެފަ އެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނު ދިވެހި ގައުމުގެ ރިޔާސަތާ ހަވާލުވެޑައިގަތީ ގާނޫނު ނެގެހެއްޓުމަށް ކަމަށާއި ގާނޫނުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާނެ ކަމަށެވެ. އަދި އެއްވެސް މީހަކަށް ގާނޫނާ ޚިލާފަށް އަމަލުކުރުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް ރައީސް ހާމަކުރެއްވި އެވެ.
އިސްލާމީ ހަމަތަކާ އެއްގޮތަށް ދައުލަތް ހިންގުމަށް ހުވާކުރައްވާފައިވާ ކަމަށް ވިދާޅުވެ، އެއްވެސް ފިޔަވަޅެއް ފަހަތަށް ނާޅުއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. "އެކަކަށް ވެސް ގޮންޖަހާލާފައި ގާނޫނަކާ ހިލާފަށް މިތާކު، ގާނޫނަކަށް ތަބައެއް ނުވާނަމޭ ބުނެފައި އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނަން. އެއީ އަޅުގަނޑަށް އޮތް ފުރުސަތެއް ނޫން، އަޅުގަނޑު ކޮށްގެން ހުރި ހުވާގައި ހުރި ފުރުސަތެއް ނޫން އެއީކީއެއް،" ރައީސް ވިދާޅުވި އެވެ.
މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ތެދުބަހުން ވާހަކަ ދެއްކުމުގެ ފުރިހަމަ މިނިވަންކަން އޮތް ކަމަށާއި ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ގެނެސްދިނުމުގައި އެއްވެސް ހިފެހެއްޓުމެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް، ދޮގު ވާހަކަތައް ލިޔެ ނުވަތަ އަނެކާއާ ބެހޭގޮތުން ހަގީގަތެއް ނެތި ވާހަކަ ނުލިޔެވޭނެ ކަމަށް އެ މަނިކުފާނު ވަނީ އިތުރަށް ހާމަކުރައްވާފަ އެވެ. "އެއީ ދިވެހި ރައްޔިތުން ގަބޫލުކުރާ ހަމައެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ހަމަޖެހިގެން އުޅޭ އެއްބައިވަންތަ، އެކުވެރި، ކުލުނާއި ލޯބި ލިބިގެންވާ މުޖުތަމައުއެއްގެ ގޮތުގައި އޮންނަން. އަނެކާއަށް އިހުތިރާމް އަދާ ކުރާ ގައުމަކަށް ވާން،" ރައީސް ވިދާޅުވި އެވެ.
ސޯޝަލް މީޑިއާ "ބޭން" ކޮށް އާއްމު ރައްޔިތުންގެ ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރާ ކަމަށް ބުނެ ފިތުނަ ފަސާދަ އުފައްދާ ކަމަށް ދެކެވޭ ވާހަކަތައް ވެސް ރައީސް ދޮގުކުރެއްވި އެވެ. "ކީރިތި ގުރުއާނުގައި އޮންނަނީ ފިތުނަފަސާދަ އުފެއްދުމަކީ ގަތުލު ކުރުމަށް ވުރެ ނުބައި ކަމެކޭ. އަޅުގަނޑުމެންނަކީ މުސްލިމުން. ދެން ގުރުއާނަށް ވެސް ގޮންޖަހާލާފައި ލިޔަންވީތޯ ހަމަ. ނުކުރެވޭނެ އެ ކަމެއް، މި ގައުމުގައި ނުކުރެވޭނެ އެ ކަމެއް. އެ ކަން ކުރަން ކޮންމެ ތާކުން ކޮންމެ ކަހަލަ ބަޔާނެއް ހިފައިގެން އަޔަސް އަޅުގަނޑަށް ފަރުވާލެއް ނެތް އެ ކަމަކާ،" ރައީސް މުއިއްޒު ވަރަށް ޔަގީންކަމާ އެކު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މީޑިއާ ރެގިއުލޭޓް ބިލުން ލިބެނީ ޒިންމާދާރުކަމާ އެކު ކަންކަން ކުރުމުގެ ފުރުސަތު ކަމަށާއި ސާބިތު ނުހިފޭ ވާހަކަތައް އެ ގާނޫނުން ބަންދުވާނެ ކަމަށެވެ. "ސާބިތު ނުކުރެވޭ ވާހަކަތައް އެ މީހަކު ޖެހޭ ނަމަވެސް އޭގައި ބަޔާންކުރަން އެބަޖެހޭ ތިމަންނައަކަށް މި އަދި ސާބިތުވާ ކަމެއް ނޫނޭ. އަންވެރިފައިޑްއޭ މި، ވެރިފައިއެއް ނުކުރެވެއޭ ބަޔާންކުރަން ޖެހޭ ލިޔާއިރުގައި. އެހެން އެ ގާނޫނުގައި އޮތީ،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ރެގިއުލޭޓް ބިލާ މެދު ރާއްޖޭގެ އެތައް ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމިއްޔާ އާއި މަދަނީ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މި ބިލް އިސްލާހުތަކާ އެކު ފާސްކުރި ނަމަވެސް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ތަސްދީގު ނުކުރުމަށް ގޮވާލާފަ އެވެ.
Ads by MACL
