ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތެރޭގެ ހުރިހާ ރަށަކަށް އައިޑީ ކާޑުގެ ޚިދުމަތް ފުޅާކޮށް، ރައީސްގެ ވައުދު ފުއްދަވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ވ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، -- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ވ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، -- ފޮޓޯ: ރައީސް އޮފީސް

އަތޮޅުތެރޭގެ ހުރިހާ ރަށަކަށް އައިޑީ ކާޑުގެ ޚިދުމަތް ފުޅާކޮށް، ރައީސްގެ ވައުދު ފުއްދަވައިފިއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތް މިހާރު ވަނީ ޤާއިމްކޮށް ނިމިފައިވާއިރު، މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި މުހިންމު ވައުދެއް ކަމަށްވާއިރު، އެމަނިކުފާނު ވިދާޅުވެފައިވަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށެވެ. މިހާރު މި ވައުދު ވަނީ ފުރިހަމަކުރައްވާފައެވެ.


މި ޚިދުމަތް އެންމެފަހުން ފެށިފައިވަނީ ވ. އަތޮޅުގައެވެ. ވ. އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށްވާ ފެލިދޫގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. މިކަން ހިނގާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.


އައިޑީ ކާޑު ހެއްދުމުގައި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ވަނީ އިސްކަމެއް ދެއްވާފައެވެ. އެގޮތުން، އޮންލައިންކޮށް އެދުމުގެ ކުރީގެ ނިޒާމު އުވާލައި، ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ ގޮތަށް "ނާރެސް" ޕޯޓަލް ވަނީ ތަޢާރަފުކޮށްފައެވެ. މިކަމުގެ ސަބަބުން އަތޮޅުތެރޭގެ ރައްޔިތުންނަށް އައިޑީ ކާޑުގެ ޚިދުމަތް ހޯދަން މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި، އެމީހުން ދިރިއުޅޭ ރަށުން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިވެފައެވެ.


ރާއްޖޭގައި އައިޑީ ކާޑުގެ ޚިދުމަތް ފުރަތަމަ ފެށިފައިވަނީ 1984 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުއެވެ. އޭގެފަހުން، 2003 ވަނަ އަހަރު މި ޚިދުމަތް ކޮމްޕިއުޓަރައިޒްކޮށް، ޕްލާސްޓިކް ކާޑަށް ބަދަލުކުރެވުނެވެ. އެ ދުވަސްވަރު 174 ކަލެކްޓިން ސެންޓަރު ޤާއިމުކޮށްގެން ޚިދުމަތް ދެމުން ގޮސްފައިވެއެވެ.