ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވ. އަތޮޅު ހޮސްޕިޓަލުގެ ބިންގާ އަޅައިފި

ވ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު --
ވ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު --

ފެލިދެއަތޮޅުގެ ރައްޔިތުންނަށް ހެލްތު ދާއިރާއިން ލުއިފަސޭހަ ކަމެއް ލިބިގެންދާނެ މަޝްރޫޢެއް ކަމަށްވާ، ވ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ފެލިދެއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން ފެލިދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި، މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި މަޝްރޫޢަކީ 105.36 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި ބިޔަ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ކޮންޓްރެކްޓިންގް ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫޢުގެ ދަށުން 37 އެނދުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލް އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ހޮސްޕިޓަލް ކޮމްޕްލެކްސްގެ ތެރޭގައި ތިން ބައި ހިމެނެއެވެ. އެއީ 7,147 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކަކާއި، 2,563 އަކަފޫޓުގެ ސަރވިސް ސެންޓަރަކާއި، 76,175 އަކަފޫޓުގެ ހެލްތު ސެންޓަރ ބްލޮކެކެވެ. މި މަޝްރޫޢު ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މުއްދަތަކީ 540 ދުވަހެވެ.

މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި ބިންގަނޑު ކޮނެ ލެވެލްކުރުމުގެ މައިގަނޑު މަސައްކަތްތަކުގެ އިތުރުން ކޮންކްރީޓް މަސައްކަތާއި، މޭޝަނަރީ މަސައްކަތްތައް ހިމެނެއެވެ. އަދި ހޮސްޕިޓަލުގެ އެތެރޭގެ ފުރިހަމަކުރުމުގެ ގޮތުން ތަށިމުށި ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުން ފަދަ އެންމެހައި މަސައްކަތްތައްވެސް ހިމެނެއެވެ.