ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކެޔޮދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް އަހަރުގެ ކުރީކޮޅު ފަށާނެ: ރައީސް

ކެޔޮދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް އަހަރުގެ ކުރީކޮޅު ފަށާނެ: ރައީސް

ކެޔޮދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ފެލިދެއަތޮޅު ކެޔޮދޫ ރައްޔިތުންނަށް އުފާވެރި ޚަބަރެއް ދެއްވާފައެވެ. އެމަނިކުފާނު ޔަޤީންކަން ދެއްވާފައިވާ ގޮތުގައި، ކެޔޮދޫ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެއެވެ. މިކަމުގެ ޔަޤީންކަން ރައީސް ދެއްވީ، ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަޝްރޫޢަކީ ރިޔާސީ އިންތިޚާބުގައި ރައީސް ވެވަޑައިގެންފައިވާ ވަޢުދެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކެޔޮދޫގެ ތަރައްޤީއަށްޓަކައި ބިމުގެ ޖާގަ ނިހާޔަތަށް ބޭނުންވާތީ، އަންނަ އަހަރުގެ ބަޖެޓްގައި މި މަޝްރޫޢު ހިމަނައިގެން، އަހަރުގެ ކުރީކޮޅު ޢަމަލީ މަސައްކަތް ފެށުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ކެޔޮދޫގެ ތަރައްޤީއަށް އިތުރު ބައެއް މަޝްރޫޢުތައްވެސް އިޢުލާނުކުރެވުނެވެ.

އެގޮތުން، ކެޔޮދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ޤާއިމްކުރުމުގެ އެއްބަސްވުމާއި ހަތަރު ބުރީގެ ސްކޫލް އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އަލަށް ޤާއިމުކުރެވޭ ޞިއްޙީ މަރުކަޒުގައި 20 އެނދު ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ސްކޫލްގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން، އައު އިމާރާތުގެ މަސައްކަތް ނިމުމުގެ ކުރިން މިހާރު ހުރި ސްކޫލަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކޮށް، ކްލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް އިޢުލާނުކުރެއްވިއެވެ.

ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށަކަށް ކެޔޮދޫ ވާތީ، އަންނަ އަހަރުގެ މާރިޗް މަހުގެ ކުރިން އެރަށުގައި ޑޮލަރު އޭޓީއެމެއް ބަހައްޓަވައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ. އަދި މި ދަތުރުފުޅުގައި ކެޔޮދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާވެސް ވަނީ އަޅުއްވާފައެވެ.