ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބިލެތްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފި

ބިލެތްދޫ މަގުހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން----ފޮޓޯ:ރައީސް އޮފީސް
ބިލެތްދޫ މަގުހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން----ފޮޓޯ:ރައީސް އޮފީސް

ފ. ބިލެތްދޫގެ މަގުތައް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ މިއަދު ސަރުކާރުން ޙަވާލުކޮށްފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބިލެތްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ޚާއްޞަ ޖަލްސާއެއްގައި މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ ބިލެތްދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ ރިޓަޔަރޑް އަޙުމަދު ސައުދީއެވެ. 91 މިލިއަން ރުފިޔާގެ މި މަޝްރޫޢު، 720 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެމްޓީސީސީއާ ޙަވާލުކުރެވިފައެވެ.

ފ. ބިލެތްދޫގައި 1300 އަށް ވުރެ ގިނަ މީހުން ދިރިއުޅެއިރު، ރަށުގެ މަގުތަކުގެ ފެންވަރު ދަށްވުމަކީ، ޚާއްޞަކޮށް ވިއްސާރަ ދުވަސްވަރު މަގުތަކުގައި ޗަކަ ހެދި ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވާ މީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭ މައްސަލައެކެވެ. އެމްޓީސީސީން ވިދާޅުވަނީ، މި މަޝްރޫޢު ނިމުމާއެކު މި ދަތިތަކަށް ހައްލެއް ލިބި، ބިލެތްދޫގެ ރައްޔިތުންނަށް ބޭނުންކުރަން ފަސޭހަ، ޒަމާނީ ފެންވަރުގެ މަގުތަކެއް ލިބިގެންދާނެ ކަމަށެވެ.