"ކުރަނގި" އޮޕަރޭޝަނުގެ ދަށުން 8،609 ބިދޭސީން ޑީޕޯޓްކޮށްފި: ރައީސް
ގަވައިދާ ޚިލާފު ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ހިންގަވާ "ކުރަނގި" އޮޕަރޭޝަނުން 8،609 މީހުން ޑީޕޯޓްކޮށްފިކަމާއި، އިތުރު ފިޔަވަޅުތަކަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 178،982 ބިދޭސީންގެ މައުލޫމާތު ނަގާފައިވާ ކަމަށާއި، މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވުނު މައްސަލައެއް ކަމަށެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ދެ ލައްކައެއްހާ ބިދޭސީން އުޅޭކަން އެނގިފައިވާ ނަމަވެސް، އޭގެ ތެރެއިން ނުގަވައިދުން އުޅޭ މީހުން ޑީޕޯޓްކުރުން ކުރިން ހިނގާފައިވަނީ ހަމައެކަނި ނަމަކަށް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 8،609 ބިދޭސީން ޑީޕޯޓްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބިދޭސީންގެ ސަބަބުން ދިވެހިންގެ ވިޔަފާރިތަކަށް ކުރަމުންދާ އަސަރުތަކަށް އަލިއަޅުވައިލައްވައި ރައީސް ވިދާޅުވީ، ކުދި ވިޔަފާރިތަކުގެ ތެރެއަށް ބިދޭސީން ވަނުމުގެ ސަބަބުން ދިވެހިންނަށް ފުރުސަތުތައް ގެއްލެމުންދާ ކަމަށެވެ. މާލެއާއި އާބާދީ ބޮޑެތި ރަށްރަށުގައި މަގުމަތީގައި ތަންތަން ހުޅުވައިގެން ގުދަންތައް ހަދައި އެއްޗެހި ވިއްކުމުގެ އަމަލުތައް ހިނގަމުންދާ ކަމަށާއި، މި ހުރިހާ ކަމެއް ހުއްޓުވުމަށް "ކުރަނގި" އޮޕަރޭޝަންގެ ދަށުން މައުލޫމާތު އެއްކުރަން ފެށީ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ގަވައިދާ ޚިލާފު ބިދޭސީން ހޯދުމުގެ މަސައްކަތް އިތުރު ހަރުފަތަކަށް ގެންގޮސް، މާދަމާއިން ފެށިގެން އާބާދީ ބޮޑެތި ރަށްރަށް ވެސް ހިމެނޭ ގޮތަށް ހުރިހާ ރަށެއްގައި ބިދޭސީން ނުގަވައިދުން ހިންގާ ވިޔަފާރިތައް ހުއްޓުވައި، އެ ތަންތަން ބަންދުކޮށް، ބިދޭސީން ޑީޕޯޓްކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށާނެ ކަމަށެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ ދިވެހި ރައްޔިތުންނަށް ވިޔަފާރި ކުރުމަށް އޮތް ހައްގު ފުރުސަތުތައް އަނބުރާ ހޯދައި ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ފުރުސަތުތައް ބިދޭސީންނަށް ލިބެމުންދަނީ ދިވެހިން ވެސް ބައެއް ފަހަރު އެ ފުރުސަތުތައް ބިދޭސީންނަށް ދެމުން އަންނާތީއެވެ. އެހެންކަމުން، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އެފަދަ ފުރުސަތުތައް ނުދިނުމަށް ދިވެހި ރައްޔިތުންނަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
Ads by MACL
