ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެއް ފުރިހަމަވެ، ވ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމްކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ފުރިހަމަވެ، ވ. އަތޮޅުގެ ރައްޔިތުންނަށް ދިގު އިންތިޒާރެއްގެ ނިމުން ގެނެސްދެއްވައިފިއެވެ.
އެމަނިކުފާނު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވ. ރަކީދޫގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމާއެކު، މިހާރު އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް ފެށިފައިވާކަން ފާހަގަކޮށްލެވެއެވެ. މިކަމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމްކުރުމަށް ރައީސް ވެވަޑައިގެންނެވި ވައުދުގެ މުހިންމު ފިޔަވަޅެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ފަށާފައެވެ. އެއަށްފަހު ގއ، ހދ، އއ، ބ އަދި ށ އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް ވަނީ އޭޓީއެމްގެ ޚިދުމަތް ގާއިމްކުރެވިފައެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި 250 އަށް ވުރެ ގިނަ ބީއެމްއެލް އޭޓީއެމް ގާއިމްކުރުމެވެ.
Ads by BMLރައީސް މުޢިއްޒު މިއަދު ވ. ރަކީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާ ބައްދަލުވުމެއް ބާއްވަވާނެއެވެ. މީގެ އިތުރުން މިއަދު ފ. ބިލެއްދޫ، ފ. ފީއަލީ، ފ. ނިލަންދޫއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު މި ރަށްރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ފައްޓަވައިދެއްވުމުގެ އިތުރުން، ބައެއް މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.
Ads by MACL
