ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފ. ނިލަންދޫ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލް އަށް: ދެ އަހަރާއި ބައިގެ ތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ނިލަންދޫ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުން: މަސައްކަތް ހަވާލުކުރީ ދެ އަހަރާއި ބައިތެރޭގައި މަސައްކަތް ނިންމާ ގޮތަށް ----- ފޮޓޯ/ ރައީސް އޮފީސް
ނިލަންދޫ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުން: މަސައްކަތް ހަވާލުކުރީ ދެ އަހަރާއި ބައިތެރޭގައި މަސައްކަތް ނިންމާ ގޮތަށް ----- ފޮޓޯ/ ރައީސް އޮފީސް

ފ. ނިލަންދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އެއާޕޯޓުގެ މަސައްކަތް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ދެ އަހަރާއި ބައިގެ ތެރޭގައި ނިންމާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޔަގީންކަން ދެއްވާފައެވެ. އެމްއޭސީއެލްއާ މި މަސައްކަތް ހަވާލުކުރެވުނީ ރައީސްގެ ފ. އަތޮޅު ދަތުރުފުޅުގައި ނިލަންދޫގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދެވެ. ރައީސް މުޢިއްޒު ވިދާޅުވީ، އެއާޕޯޓު ތަރައްގީކުރުމާއި ހިންގުން ވެސް ހިމެނޭ ގޮތަށް އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ކަމަށާއި، އެ ކުންފުނިން ނިލަންދޫގައި އެންމެ ޒަމާނީ ފެންވަރުގެ ފުރިހަމަ އެއާޕޯޓެއް ގާއިމުކުރާނެ ކަމަށެވެ. މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި ނުވަތަ ދެ އަހަރާއި ބައިގެ ތެރޭގައި އެއާޕޯޓު ނިންމައި ރައްޔިތުންނަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އެއާޕޯޓުގެ މަސައްކަތް އެއަށްވުރެ ވެސް އަވަސްވާނެ ކަމަށް ލަފާކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޝްރޫޢުގެ ތަފްސީލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެއާޕޯޓު އެޅުމަށްޓަކައި ގާތްގަނޑަކަށް 1,500 މީޓަރު ދިގު ރަންވޭއެއް އެޅޭނެ ގޮތަށް އެމްޓީސީސީން ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އިތުރު 300 މީޓަރުގެ ބިން ހިއްކުމަށް ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާތީ، ޖުމްލަ 1,800 މީޓަރުގެ ރަންވޭއެއް އެޅުމަށް ބޭނުންވާ ވަރަށް ބިން ހިއްކޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނިލަންދޫ އެއާޕޯޓަކީ އެރަށުގެ އިތުރަށް ފ. އަތޮޅުގެ ތަރައްގީއަށް ކޮންމެހެން ބޭނުން ތަނެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ނިލަންދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކުރީ 2024 ވަނަ އަހަރުގެ މާރިޗު މަހުގެ 27 ވަނަ ދުވަހުއެވެ. މި މަސައްކަތް 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ވަނީ ހަވާލުކޮފައެވެ. މި ސަރުކާރުގެ ސިޔާސަތަކީ، މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުން ވިޔަސް އެންމެ ގިނައިރު ވެގެން 30 މިނިޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކުރުމެވެ.

މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ބަޖެޓުގައި ފައިސާ ހަމަޖެއްސި ނަމަވެސް، އެ މަސައްކަތް ކުރެވިފައެއް ނުވެއެވެ.