ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް އިން ޗައިނާގެ ބެއިޖިން ކެޕިޓަލް އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން، ޗައިނާގެ ބެއިޖިން ކެޕިޓަލް އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފިއެވެ. މިއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ފަސްވަނަ އެއާލައިން އަދި ޗައިނާގެ ފުރަތަމަ އެއާލައިނެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ޓާމިނަލް 1 އަށް ބެއިޖިން ކެޕިޓަލް އެއާލައިންސްގެ ފުރަތަމަ ފްލައިޓަށް ވަނީ ޝަރަފުވެރި މަރުހަބާއެއް ކިޔާފައެވެ.
ބެއިޖިން ކެޕިޓަލް އެއާލައިންސްއަށް ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ އާދިލް މޫސާއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފާއި، ވޮޔޭޖަސް މޯލްޑިވްސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިގްނާޒު މަންސޫރުގެ އިތުރުން އެމްއޭސީއެލްގެ ސީނިއާ މެނޭޖުމަންޓާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގެ ތެރެއިން ބެއިޖިން ކެޕިޓަލް އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވާލިއެވެ. އަދި މި އެއާލައިނުން ފުރި 248 ފަސިންޖަރުންނަށް ހަދިޔާ ދީފައިވެއެވެ. މީގެ އިތުރުން، ޓާމިނަލް 1 އަށް ކައިރިކުރި ބެއިޖިން ކެޕިޓަލް އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓު، ޖޭޑީ455-6 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، މި ފްލައިޓުން ރާއްޖެ އައި 276 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ. ޖުމްލަ 524 ފަސިންޖަރުންނަށް މި ފުރުސަތު ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
Ads by BMLބެއިޖިން ކެޕިޓަލް އެއާލައިންސްއަކީ ބެއިޖިން ޑެޒިންގް އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުވެފައި އޮންނަ ލޯ-ކޯސްޓް އެއާލައިންއެކެވެ.
މިހާރު ޓާމިނަލް 1 އިން ދަނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިން އެއާ އަރަބިއާ، ލަގްޒަރީ އެއާލައިން ބިއޯންޑް، އަދި ސްރީ ލަންކާގެ ލޯ-ކޯސްޓް އެއާލައިން ފިޓްސް އެއާއަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ. އެގޮތުން، މި ހަފުތާގެ ތެރޭގައި އިތުރު ދެ އެއާލައިނެއް ޓާމިނަލް 1 އަށް ބަދަލުކުރަން ވަނީ ނިންމައިފައެވެ.
Ads by MACL
