ވޭވަށު ރައްޔިތުންނާ ރައީސް ޑރ. މުޢިއްޒު ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކު އަތޮޅު ވޭވަށަށް ވަޑައިގެން، ރަށުގެ އިސްވެރިންނާއި ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންތައްތަކެއް ފުރިހަމަކޮށްދެއްވުމުގެ ޔަގީންކަން ދެއްވައިފިއެވެ. މި ބައްދަލުވުމުގައި، ވޭވަށުގެ ކުޅިވަރު ދަނޑުތައް ތަރައްޤީކުރުމާއި، ބަނދަރު ހެދުމުގެ މަޝްރޫޢުތައް ހިމެނޭ ގޮތަށް ގިނަ ކަންތައްތަކެއް ކުރިއަށް ގެންދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ވޭވަށު ސްކޫލުގައި ބޭއްވުނު މި މަޝްވަރާ ބައްދަލުވުމުގައި، ރަށު ކައުންސިލާއި ރައްޔިތުން ވަނީ، ރަށުގެ އިޖުތިމާއީ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ރައީސްއާ ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި އެކި ކަހަލަ ކުޅިވަރުތައް ކުޅޭނެ ދަނޑުތައް ތަރައްޤީކުރުމާއި، ފަތުރުވެރިކަމަށް ފަހި ވެއްޓެއް ޤާއިމުކުރެވޭނެ މަގު ތަނަވަސްކޮށްދެއްވުން ހިމެނެއެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަވައިދެއްވުމަށާއި، ރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވުމަށްވެސް ރައްޔިތުން އެދިވަޑައިގެންނެވިއެވެ.
ރައްޔިތުންގެ ޝުޢޫރުތަކަށް ރިޢާޔަތްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެކަމަށެވެ. އެގޮތުން، 2026 ވަނަ އަހަރުގެ ބަޖެޓުގައި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހިމަނައިގެން ކުރިއަށް ގެންގޮސްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި 2026 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުމުގެ ކުރިން ސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، ކުޅިވަރުގެ ދާއިރާއިން ރަށަށް ބޭނުންވެފައިވާ ކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމާއި، ހެލްތު ސެންޓަރުގެ ތަރައްޤީގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ އެކި މަރުޙަލާތަކުގައި ހުއްޓިފައި ހުރި މަސައްކަތްތައް މި އަހަރާއި އަންނަ އަހަރުގެ ކުރީކޮޅަށް ނިންމެވުން ކަމަށެވެ.
Ads by MACL
