އދ. އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ރޯލެއް އަދާކުރައްވާފައިވާ ބައިވެރިއެއް: ރައީސް
އދ. އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ރޯލެއް އަދާކުރައްވާފައިވާ ބައިވެރިއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ، އދ. ގައި ބައިވެރިވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ. އެމަނިކުފާނު މި މެސެޖުގައި އދ. އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ރޯލެއް އަދާކުރައްވާފައިވާ ބައިވެރިއެއްކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއިން އދ. ގައި އަދާކުރާ ރޯލަށް އަލިއަޅުއްވާލައްވާފައިވެއެވެ.
ރައީސް މުޢިއްޒުގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، މީގެ ފަސްދޮޅަސް އަހަރު ކުރިން ދިވެހިރާއްޖެ އދ. ގެ މެމްބަރު ޤައުމަކަށްވުމަކީ، ރާއްޖެއަށް ލިބުނު އުއްމީދަކާއި އަޒުމެކެވެ. އަދި އެއީ، ބައިނަލްއަޤްވާމީ ގޮތުން އެކި ޤައުމުތަކާއި ގުޅުންބަދަހިކުރުމަށް ލިބުނު ބާރެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. މި މުނާސަބަތަކީ ތާރީޚީ ނިންމުމެއްގެ އިތުރުން، ރާއްޖެއާއި އދ. އާއި ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ދިވެހިރާއްޖެއިން އދ. ގައި އަދާކުރާ ރޯލް ފާހަގަކުރައްވައި، ޚާއްސަގޮތެއްގައި ޞިއްޙީ ދާއިރާގެ ކުރިއެރުމާއި، ތަޢުލީމީ ދާއިރާގެ އިތުރުން ގަވަނަންސް އާއި އިންސާނީ ހައްގުތަކުގެ ދާއިރާއިން ލިބިފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލެއްވިއެވެ. ދިވެހިރާއްޖެއިން އދ. ގައި ބައިވެރިވުމަކީ ދުނިޔޭގެ ކުދި ޤައުމުތަކަށްވެސް ލިބުނު އުއްމީދެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. "އަޅުގަނޑުމެން ދައްކާފައި މިވަނީ، އެންމެ ކުދި ގައުމުތަކަށްވެސް ސުލްހައާއި އިންސާފާއި ދެމެހެއްޓެނިވި ތަރައްޤީއަށް ޙިއްޞާ ކޮށްދެވޭނެކަން،" އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގޮތުން ދިވެހިރާއްޖެއިން އދ ގައި ދައްކާފައިވާ ހަރުދަނާ ލީޑަޝިޕަށް އަލިއަޅުއްވާލައްވައި، ތަރައްޤީވަމުންއަންނަ ޤައުމުތަކާއި ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި އަންނަން އޮތް ޖީލުތަކަށް ދުނިޔެ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
Ads by MACL
