ސަރުކާރުގެ ސިޔާސަތުތަކުގެ ފައިދާ މުސްތަޤުބަލުގައި ޤައުމަށް ކުރާނެ: ނާޒިމް
ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކަށް ފާޑުކިޔުންތައް އަމާޒުވަމުންދިޔަ ނަމަވެސް، މި ސިޔާސަތުތަކުގެ ސަބަބުން މުސްތަޤުބަލުގައި ޤައުމަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މ. ދިއްގަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ ދުރުވިސްނޭ ސިޔާސަތުތަކުގެ ދަށުން ގިނަ އަދަދެއްގެ މަޝްރޫޢުތައް މިހާރުވެސް ވަނީ ފެށިފައެވެ. ކުރީގައި ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފެށިގެން ދިއުމާއި، އައު މަޝްރޫޢުތައް ހިންގުމަށް މަގުފަހިވަމުންދާތަން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by BML"ގޯސްކޮށް އޮތް ކޮންމެ ކަމެއް ހައްލުކުރުމަށް އިޚުލާސްތެރި މަސައްކަތްތަކެއް ކުރަމުންދާތަން މި ފެންނަނީ. ޑްރަގްގެ އެންމެ ބޮޑުންނަށް ހައްގު އަދަބު ލިބެމުންދާތަން އެބަ ފެނޭ. އިޖުތިމާއީ ގޮތުން ހުރި މައްސަލަތަކަށް ހައްލު ލިބެމުންދާތަން މި ފެންނަނީ،" ނާޒިމް ވިދާޅުވިއެވެ.
ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދިމާވެފައި އޮތް މާލީ ދަތިކަމުން އަރައިގަނެ، މަޝްރޫޢުތައް ކުރިއަށްދާކަން ހާމަކޮށްދެނީ މިއީ ޤައުމަށް ނަތީޖާ ހާސިލުކޮށްދޭނެ ސަރުކާރެއްކަން ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި، މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ މުހިންމުކަންވެސް ނާޒިމް ފާހަގަކުރެއްވިއެވެ. ޝަރުޢީ ދާއިރާ މިނިވަންކުރުމަށްވެސް ހަރުދަނާ މަސައްކަތްތަކެއް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުން އިޖުތިމާއީ ގޮތުން ނިންމަވަމުން ގެންދަވާ ބައެއް ނިންމުންތަކަކީ އުނދަގޫ ނިންމުންތަކެއް ކަމަށާއި، އެކަމަށް ފާޑުކިޔުންތައް އަމާޒުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. ނަމަވެސް، މިފަދަ ކޮންމެ ނިންމުމެއްގެ ބޭނުމަކީ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމާއި، އޭގެ ފައިދާ ދިގު މުއްދަތެއްގައި ޤައުމަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށް އިޞްލާޙުތައް ގެނެސް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް، ޚަރަދު ކުޑަ ގޮތަކަށް ލާމަރުކަޒީ ނިޒާމުގެ ފައިދާ ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
Ads by MACL
