ރައީސް މުޢިއްޒުގެ އިސްނެންގެވުމާއެކު ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެ "ޑިޖިޓަލް-ފަސްޓް ނޭޝަން" އަކަށް ހެއްދެވުމުގެ ތަސައްވުރު ހަޤީޤަތަކަށް ހެއްދެވުމަށްޓަކައި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެއް އުފައްދަވައިފިއެވެ.
މި ކައުންސިލް އުފެއްދެވީ، "މޯލްޑިވްސް 2.0" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމަށް ބޭނުންވާ ލަފާދެއްވައި، މަސައްކަތްތައް ބެލެހެއްޓެވުމުގެ މަޤްޞަދުގައެވެ. މި ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
"މޯލްޑިވްސް 2.0" އަކީ ރައީސް މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމެއްގެ ދަށުން ކުރިއަށްގެންދަވާ ތަރައްޤީގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޑިޖިޓަލް ދާއިރާއިން ދިވެހިރާއްޖެއަށް އިންޤިލާބީ އަދި އިޞްލާޙީ ބަދަލުތަކެއް ގެނައުމެވެ.
މި ބަދަލުތަކުގެ ސަބަބުން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާވެ، ހަލުވިވެ، ރައްކާތެރިވާނެއެވެ. އަދި ދައުލަތުގެ މުއައްސަސާތަކުގެ އިދާރީ ހިންގުން ވެސް އިތުރަށް ހަރުދަނާވެގެންދާނެއެވެ. މިކައުންސިލް އުފެއްދެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ އެކުގައެވެ.
Ads by MACL
