ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަޑުއްވަރީގައި އިތުރު ބަނދަރެއް ހެދުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށަނީ

މަޑުއްވަރީގައި އިތުރު ބަނދަރެއް ހެދުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މުލަކަތޮޅު މަޑުއްވަރީ ރައްޔިތުންނަށް، އެރަށުގައި ބަނދަރެއް ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފިއެވެ. އެމަނިކުފާނު ވިދާޅުވީ، މ. މަޑުއްވަރީގައި އައު ނިވައި ބަނދަރެއް ތަރައްޤީކުރުމަކީ ސަރުކާރުން އެންމެ އިސްކަމެއްދެއްވައިގެން ކުރިއަށް ގެންދަވާނެ މަޝްރޫޢު ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، އަހަރުގެ ކުރީކޮޅުގެ ތެރޭގައި އެ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށެވެ. މިއީ ރާއްޖޭގެ ހަތަރު އަތޮޅެއްގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މުލަކަތޮޅު މަޑުއްވަރީއަށް ވަޑައިގެން އެރަށުގެ އިސްވެރިންނާއި، ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމެއްގައި ދެއްވި ޔަޤީންކަމެކެވެ.

މަޑުއްވަރީ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ރަށުގެ ކައުންސިލާއި، އެކި މުއައްސަސާތަކުގެ މެންބަރުންނާއި މަންދޫބުންގެ އިތުރުން ރައްޔިތުންގެ ފަރާތުން ސަރުކާރަށް ހުށަހެޅުއްވި ޚިޔާލުތަކާއި، ރަށަށް އެންމެ ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތާއި ޝުޢޫރުތައް ހިއްސާކުރެވުނެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވުނު ކަމަކީ، ރަށަށް ނިވައި ބަނދަރެއްގެ ބޭނުންތެރިކަމެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބަނދަރުގެ މަސައްކަތް އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާއިރު، ރަށަށް ބޭނުންވާ ތަރައްޤީގެ އެހެން މަޝްރޫޢުތައްވެސް ވަކި ތަރުތީބަކުން ކުރިއަށްގެންގޮސްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުޅިވަރުގެ ދާއިރާއިންވެސް މަޑުއްވަރީގައި މަޝްރޫޢުތަކެއް ކުރިއަށްގެންގޮސްދެއްވާނެ ކަމުގެ އުންމީދު އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންކަން ސަމާލުކަމާއެކު އަޑުއައްސަވައި، އެކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި މިހާރުވެސް ކުރިއަށްދާ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްޞާކުރައްވާފައެވެ.