ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފި!
ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އިނގިރޭސިވިލާތާއި، ކެނެޑާ އަދި އޮސްޓްރޭލިއާއިން ބަލައިގަތުމާ ގުޅިގެން، ދިވެހި ސަރުކާރުން އެކަމަށް އައްސަރިކިޔައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަލަސްތީނު ރައްޔިތުންގެ އިއްޒަތާއި ހުރުމަތް ކަށަވަރުކޮށްދިނުމާއި، އެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި އަމާންކަން ދެމެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ދުނިޔޭގެ އެންމެހާ ގައުމުތަކުން ފަލަސްތީނުގެ ހައްގުގައި އަޑުއުފުލައި، ވަކި ދައުލަތެއް ގާއިމްކުރުމަށް އެހީތެރިވެ، އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ.
Ads by BMLމި ބަޔާން ނެރެފައިވަނީ، އިސްރާއީލުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަނގުރާމަވެރި ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ. އިސްރާއީލުން ގެންދަނީ ކުށެއްނެތް ފަލަސްތީނު ރައްޔިތުން ގަތުލުކުރުމާއި، އެ ރައްޔިތުންގެ ގެދޮރު ހަލާކުކޮށް، މުޅި އެ ސަރަހައްދަކީ "ގްރޭޓަރ އިޒްރާއީލް"ގެ ބައެއްގެ ގޮތުގައި ދަޢުވާކުރަމުންނެވެ.
ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ދުނިޔޭގެ އިތުރު ގައުމުތަކުން ވެސް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.
Ads by MACL
