ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނާލާފުށީގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް ރައީސް މުޢިއްޒު އިފްތިތާޙު ކުރައްވައިފި

ނާލާފުށީގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް ރައީސް މުޢިއްޒު އިފްތިތާޙު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މ. ނާލާފުއްޓަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ތަރައްޤީއަށް ހިންގާ ގިނަ މަޝްރޫޢުތަކެއް ވަނީ ރަސްމީކޮށް އިފްތިތާޙު ކުރައްވާފައެވެ. މިގޮތުން، ރަށުގެ މިހާރުގެ ސައިޒަށްވުރެ 15 ހެކްޓަރުގެ ބިން އިތުރަށް ހިއްކައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ޕޮލިސް ޕޯސްޓުގެ ބިންގާ އެޅުމުގެ މަޝްރޫޢު، އަދި އައު ކައުންސިލް އިދާރާގެ އިމާރާތުގެ ބިންގާވެސް ވަނީ މިއަދު އަޅުއްވާފައެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރާއްޖޭގެ ހަތަރު އަތޮޅެއްގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. ނާލާފުއްޓަށް މިއަދު ހަވީރު ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ ނާލާފުށީގެ ބަނދަރު ބޮޑުކުރުމާއި ބިންހިއްކުމުގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެށޭނެކަމަށް ވިދާޅުވެފައެވެ. މި މަސައްކަތްތަކާއި ކޯޒްވޭގެ މަސައްކަތް ކުރިއަށް ގެންދާނީ އެއް ކުންފުންޏަކުންނެވެ.

ނާލާފުށީގެ ބިންހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ދެމެދު ވަނީ ސޮއިކޮށްފައެވެ.

ރަށުގެ ތަރައްޤީއަށް ކުރަމުންދާ އެހެން ކަންތައްތަކުގެ ތެރޭގައި، އާ ދިރާސީ އަހަރަށް ސްކޫލްގެ މަސައްކަތް ފުރިހަމަކޮށްދެއްވުން ހިމެނެއެވެ. މީގެ އިތުރުން، ސިއްޙީ މަރުކަޒުގެ ޚިދުމަތް އިތުރުކުރުމާއި ފުޓްސަލް ދަނޑެއް ހެދުމުގެ މަސައްކަތް މި އަހަރު ފެށޭނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ނާލާފުށީގެ ރައްޔިތުންގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތައް ރައްޔިތުން އުއްމީދުކުރާވަރަށް، ފުރިހަމަކަމާއެކު ޙާސިލްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.