ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަނެއްކާވެސް ރާއްޖެއިން ބޭރުން ބޭސްފަރުވާއަށް އިތުރުލުޔެއް، ނޮވެމްބަރު 11 އިން ފެށިގެން ޑެބިޓް ކާޑުން ފައިސާ ދެއްކޭނެ ގޮތް ހަދަނީ!

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ---
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ---

ނޮވެމްބަރު 11 ން ފެށިގެން ބޭރުގެ ޤައުމުތަކުގައި ކުރާ ބޭސްފަރުވާއަށް، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިކަން ރައީސް އިޢުލާން ކުރެއްވީ މ. މުލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މިގޮތުން، ބޭސްފަރުވާއަށްޓަކައި ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ފައިސާ، ބޭންކަށް އެދުމުން ޑެބިޓް ކާޑުން ދެއްކޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ނިންމެވުމާއެކު، ޑޮލަރު ބްލެކް މާކެޓުން ގަތުމުގެ "އަޅުވެތި" ކަމުން ރައްޔިތުން ސަލާމަތްވެ، ސަރުކާރުން އަޅާ ހެޔޮ ފިޔަވަޅުގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބީ.އެމް.އެލް. ގެ އަހަރީ ދުވަހާ ދިމާކޮށް، ނޮވެމްބަރު 11 ގައި ބައިނަލްއަޤްވާމީ މުޢާމަލާތްތަކަށް އިތުރު ލުއިތަކެއް ލިބިގެންދާނެއެވެ. އެގޮތުން، ބޭރުގެ ޕީ.އޯ.އެސް. ޓަރމިނަލްތަކުން ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 100 ޑޮލަރުން 1000 ޑޮލަރަށް އިތުރުކުރެވޭނެއެވެ. އަދި، އެއާލައިން ޓިކެޓް ގަތުމަށާއި ބޭރުގެ ހޮޓާތަކަށް ފައިސާ ދެއްކޭ އަދަދު 3000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ހާމަކުރެއްވިއެވެ. ޖުމްހޫރީ ދުވަހާއި ބޭންކްގެ އަހަރީ ދުވަސް އެއްދުވަހެއްގައި އަންނާތީ، މި ފަދަ ލުއިތަކެއް ރައްޔިތުންނަށް ދިނުމަކީ ސަރުކާރުން ރައްޔިތުންނަށް ދޭ އަހަންމިއްޔަތު އަންގައިދޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި ނިންމެވުންތަކުގެ ސަބަބުން ރާއްޖެއިން ބޭރުގައި ފަރުވާ ހޯދާ މީހުންނަށް ދިމާވާ ދަތިތައް ކުޑަވެ، ފައިސާގެ މުޢާމަލާތްތައް ފަސޭހަވެގެންދާނެއެވެ.

ބީ.އެމް.އެލް. ގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ބޭރުގައި ފައިސާ ދައްކާއިރު، މިހާރަށްވުރެ ބޮޑު މިނިވަންކަމާއި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ޚާއްޞަގޮތެއްގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް މިކަމުގެ ސަބަބުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ.