ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މ. މުލީގައި ޕާސްޕޯޓް ޚިދުމަތް އިފްތިތާޙުކުރުމާއެކު ރައީސްގެ ވައުދެއް ފުރިހަމަވެއްޖެ

މ. މުލީގައި ޕާސްޕޯޓް ޚިދުމަތް އިފްތިތާޙުކުރުމާއެކު ރައީސްގެ ވައުދެއް ފުރިހަމަވެއްޖެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމަށްވާ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، މ. މުލީގައި މި ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

ރޭ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ކަންކަމާ ބެހޭ ވަޒީރު އަލީ އިޙްސާނެވެ. މިއީ ރައީސް މުޢިއްޒު މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން މުލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މި ޚިދުމަތް ތަޢާރަފުކުރެއްވުމުގެ ގޮތުން ކުރިއަށް ގެންދެވުނު ރަސްމިއްޔާތެކެވެ.

މި ޕްރޮގްރާމަކީ ރައްޔިތުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް، ސަރުކާރުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މުހިންމު ފިޔަވަޅެކެވެ. މީގެކުރިން ވ. އަތޮޅާއި ހދ. އަތޮޅުގެ މަކުނުދޫގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ވަނީ ތަޢާރަފުކުރެވިފައެވެ.

މާލެ ސަރަޙައްދުގައި ވެސް ޕާސްޕޯޓު ޚިދުމަތްތައް ވަނީ ފުޅާކުރެވިފައެވެ. މިގޮތުން، މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވައްސާއި ވިލިމާލޭގައި ވެސް މި ޚިދުމަތް މިހާރު ދަނީ ލިބެމުންނެވެ.

އަތޮޅުތަކުގައި ޕާސްޕޯޓު ޚިދުމަތް ފުޅާކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް، މަރުކަޒީކޮށް ހިންގޭ ޚިދުމަތްތައް ލާމަރުކަޒީކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެކެވެ.