ރައީސް މުޢިއްޒު މުލަކަތޮޅަށް، ކޮޅުފުށީގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ފަށްޓަވައިފި
މުލަކަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މ. ކޮޅުފުއްޓަށް ވަޑައިގެންފިއެވެ. އެމަނިކުފާނަށް ކޮޅުފުށިން ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއިރު، ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް އިފްތިތާޙްކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮޅުފުށީ ބަނދަރު ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުން ގިނަ ޢަދަދަކަށް އެއްވެ، އުފާވެރިކަމާއެކު މަރުޙަބާ ދެންނެވިއެވެ. މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރިއަށްދާ ދަތުރުފުޅެކެވެ.
ކޮޅުފުށީގެ ތަރައްޤީއަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަރަށް ގިނަ ބައްދަލުވުންތަކާއި ރަސްމިއްޔާތުތައް ހިމެނެއެވެ. އެގޮތުން، ކޮޅުފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔު.ޑީ.ސީ) އާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންތެރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮޅުފުށީ ސްކޫލްގެ އިސްވެރިންނާއި، ރަށުގެ ޢާންމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
Ads by BMLކޮޅުފުށީގެ އުމްރާނީ ތަރައްޤީއަށް ގުޅުންހުރި މުހިއްމު މަޝްރޫޢުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިފްތިތާޙްކޮށްދެއްވާނެއެވެ. އެގޮތުން، އެރަށުގައި އިމާރާތްކުރެވޭ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އައު އިމާރާތުގެ ބިންގާ އެޅުއްވުމާއި، އެރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ފަށްޓަވައިދެއްވުން ހިމެނެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ޖުމްލަ 31 ރަށަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
Ads by MACL
