ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޮޅުފުށީގައި އަންނަ އަހަރު އިތުރު 100 ހައުސިންގ ޔުނިޓް ތަރައްޤީކޮށްދޭނަން - ރައީސް

ކޮޅުފުށީގައި އަންނަ އަހަރު އިތުރު 100 ހައުސިންގ ޔުނިޓް ތަރައްޤީކޮށްދޭނަން - ރައީސް

ކޮޅުފުށީގެ ހައުސިންގ ދަތިކަން ޙައްލުކުރުމަށް، އެ ރަށުގައި މިހާރު ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓް މިއަހަރު ނިމުމުގެ ކުރިން ޙަވާލުކުރައްވާނެ ކަމަށާއި، އަދި އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 100 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ކޮޅުފުށްޓަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ރައީސް ވަނީ ކޮޅުފުށީގެ ތަރައްޤީއާ ގުޅޭގޮތުން ރައްޔިތުންނާ މަޝްވަރާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ކޮޅުފުށްޓަށް އިތުރު ބޯހިޔާވަހިކަން ބޭނުންވާކަން ސަރުކާރަށް ފާހަގަކުރެވިފައިވާ ކަމަށާއި، އެހެންކަމުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ ހައުސިންގ މަޝްރޫޢުގެ ދަށުން ކޮޅުފުށީގައި އިތުރު 100 ހައުސިންގ ޔުނިޓް 2025 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، "މިރަށަށް ގެދޮރުވެރިކަމުގެ އިތުރު މަސައްކަތްތައް ބޭނުންވޭ. އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން 100 ހައުސިންގ ޔުނިޓް މިރަށުގައި ފަށާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެން. އަމިއްލަ ގޯތީގަ މި މަޝްރޫޢުގެ ދަށުން އަޅަން ބޭނުންވާ މީހުންނަށްވެސް އެ ފުރުޞަތު ދޭނަން"

މީގެއިތުރުން، ރައީސް ވަނީ ކޮޅުފުށީގައި ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކުގެ ކުލި 5000 ރުފިޔާއިން 3333 ރުފިޔާއަށް ކުޑަކޮށްދެއްވާފައިވާކަން ހާމަކުރައްވާފައެވެ.

ރަށުގެ އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ، ކޮޅުފުށީގެ މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ފަށާފައިވާ މަޝްރޫޢަކީ ރަށުގެ އުމްރާނީ ތަރައްޤީއާއި އިޤްތިޞާދަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި މަޝްރޫޢު ނިމިގެންދާއިރު، ރިޔާސީ އިންތިޚާބުގައި ވައުދުވެފައިވާ ގޮތަށް ލިންކް ރޯޑެއް ގާއިމުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކަރަންޓުގެ ދަތިކަން ޙައްލުކުރުމަށް އިތުރު ޖަނަރޭޓަރު ސެޓެއް ގެނެސްދެއްވާނެ ކަމަށާއި، ސްކޫލްގައި ލައިބްރަރީއާއި ހެލްތް ރޫމް ހިމެނޭހެން އިތުރު ފެސިލިޓީތައް ޤާއިމުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ އެމަނިކުފާނަށް ހުށަހެޅުމުގެ ފުރުޞަތު ދެއްވާފައެވެ. ރައްޔިތުން ވަނީ ރަށު ސަރަޙައްދުގައި ހުއްޓިފައިވާ ޓޫރިޒަމް މަޝްރޫޢުތައް އަވަސްކޮށްދެއްވުމަށް އެދިފައެވެ. ރައީސް ވިދާޅުވީ، އެކަމާ ގުޅޭ އެއްބަސްވުންތައް ބައްލަވައި، ވީހާވެސް އަވަހަށް މައްސަލަ ޙައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެއިތުރުން، ރަށުގައި ތިބެގެން މަތީ ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ރައްޔިތުން އެދުމުން، ރައީސް ވިދާޅުވީ މިކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކޮށް، މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.