ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަޑިފުށީގައި އަންނައަހަރު 50 ހައުސިންގ ޔުނިޓު ތަރައްޤީ ކޮށްދޭނެކަން ރައީސް އިއުލާންކުރައްވައިފި

މަޑިފުށީގައި އަންނައަހަރު 50 ހައުސިންގ ޔުނިޓު ތަރައްޤީ ކޮށްދޭނެކަން ރައީސް އިއުލާންކުރައްވައިފި

މަޑިފުށީގައި އަންނައަހަރު 50 ހައުސިންގ ޔުނިޓު ތަރައްޤީ ކޮށްދޭނެކަން ރައީސް އިއުލާންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2026 ވަނަ އަހަރު މަޑިފުށީގައި 50 ހައުސިންގ ޔުނިޓުގެ ގެދޮރުވެރިކަމުގެ މަޝްރޫޢެއް ފައްޓަވާނެކަން އެމަނިކުފާނު މިހެން އިއުލާންކުރެއްވީ، ހަތަރު އަތޮޅެއްގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޮޅުމަޑުލު މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.


ގެދޮރުވެރިކަމަކީ ސަރުކާރުގެ އެންމެ އިސް ސިޔާސަތުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، ވަކި ސަރަޙައްދެއްގައި ނުވަތަ އަމިއްލަ ގޯތިތަކުގައިވެސް ހައުސިންގ ޔުނިޓުތައް ޢިމާރާތްކޮށްދެއްވާނެ ކަމަށެވެ.







އެމަނިކުފާނުގެ މި ދަތުރުފުޅާ ގުޅިގެން، މިއަދު މަޑިފުށީގައި ވަނީ ގިނަ ތަރައްޤީގެ މަސައްކަތްތަކެއް ފައްޓަވާފައެވެ. އޭގެ ތެރޭގައި ސްކޫލްގެ އާ ޢިމާރާތުގެ ބިންގާ އެޅުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ހިމެނެއެވެ. މި މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.


އަދި، ރަށުގައި މިހާރު ކުރިއަށްދާ އައިސް ޕްލާންޓުގެ މަސައްކަތްވެސް އަވަހަށް ނިމޭނެކަމަށާއި، މި އަހަރު ނިމުމުގެ ކުރިން ފުލުހުންގެ ވެހިކަލެއްވެސް މަޑިފުއްޓަށް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.


މި ޖަލްސާގައި ރައީސް ވަނީ މަޑިފުށީގެ އިޚްތިޞާޞްގައި އުފުރިޔާއާއި ކޮޅުފުށި ހިމެނުވިކަމުގެ ލިޔުން، މަޑިފުށީ ކައުންސިލާ ހަވާލުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މި ދެ ރަށް މަޑިފުށީގެ އިޚްތިޞާޞްގައި ހިމަނައި، މިމަހުގެ 18 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކުރައްވާފައެވެ. މި ދެ ރަށުގެ ބޭނުން ހިފައި، ރައްޔިތުންގެ އުފާފާގަތިކަމާއި ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.